ދުނިޔެ

ގްރީސްގެ އިގްތިސާދީ އިސްލާޙުތަކަށް ޕާލަމެންޓުން ރުހުންދީފި


ގްރީސް އަށް ކުރިމަތިވެފައިވާ ދަރަނިން ސަލާމަތްވުމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އެކުލަވާލެއްވި އިގްތިސާދީ އިސްލާޙުތަކަށް އެގައުމުގެ ޕާލަމެންޓުން ރުހުން ދީފިއެވެ.ގްރީސްގެ ޕާލަމެންޓުން މިކަމަށް ރުހުންދިނީ މިމައްސަލާގައި ޕާލަމެންޓް މެންބަރުންގެ މެދުގައި ހޫނު ބަހުޘްތަކެއް ހިނގުމަށްފަހުގައެވެ. އިސްލާހީ ޕްލޭނަށް އެންމެ ބޮޑަށް ދެކޮޅު ހެއްދެވި މެންބަރުންގެ ތެރޭގައި ސިޕްރާސްގެ ޕާޓީގެ މެންބަރުންވެސް ހިމެނެއެވެ.ގްރީސް ޕާލަމެންޓުން މި ޕްލޭން ފާސްކުރުމަށް އިއްޔެ ވޯޓަށް އެހުމުން ޕާލަމެންޓްގެ 300 މެންބަރުންގެ ތެރެއިން މިޕްލޭނަށް ތާއީދުކޮށް ވޯޓު ދެއްވީ 229 މެންބަރުންނެވެ. ވޯޓު ނުދެއްވާ މެންބަރުންނާއި އިދިކޮޅަށް ވޯޓުދިން 69 މެންބަރުންގެ ތެރޭގައި ބޮޑުވަޒީރު ސިޕްރާސްގެ ޕާޓީއަށް ނިސްބަތްވާ 38 މެންބަރުން ހިމެނެއެވެ.ގްރީސް އަށް ކުރިމަތިވެފައިވާ ދަރަނިން ސަލާމަތްވުމަށް އެގައުމަށް ލިބެންޖެހޭ ތިންވަނަ މަރްހަލާގެ ލޯންތައް ލިބޭނީ މި އިސްލާޙްތައް ޕާލަމެންޓުން ފާސްވެގެންކަމަށް ޚަބަރު ލިބެއެވެ.