ޚަބަރު

ހިޔާ މަޝްރޫއާ ގުޅޭ ޖިނާޢީ ތަހުޤީޤެއް ހިންގަން ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި


ހިޔާ މަޝްރޫޢުގައި ފްލެޓް ދިނުމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއާއި މިކަމުގައުގައި އިސްކޮށް އުޅުނު ހުރިހާ ފަރާތްތަކުން ހިންގާފައިހުރި ކުށްތަކުގެ ޖިނާޢީ ތަޙްޤީގެއް ހިންގަން ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާޤުންނެވެ.

ފުރަތަމަ ފަހަރަށް ސިޓީކައުންސިލްގެ ޖައްލާސާއެއް ވަގުތުން ދުރައް ދައްކައިގެން ކުރިއަށްގެންދިޔަ މިޖަލްސާގައި ވަނީ، ކުރީގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ހިޔާ މަޝްރޫޢޫ ނަމުގައި ހިންގި ބޯހިޔަވަހިކަމުގެ މަޝްރޫޢުގައި ހިމެނޭ 7000 ފުލެޓް ދޫކޮށްފައިވަނީ އޭގެ ޙައްޤުވެރިފަރާތްތަކަށްތޯ ކަށަވަރުކުރުމަށްޓަކައި ތަޙްޤީގެއް ކުރިއަށްގެންދިޔުމަށް ކަމާގުޅޭ މުއައްސަސާތަކަށް ހުށަހެޅުމަށް ނިންމަވާފައެވެ. އަދި އެފުލެޓްތައް ޙައްޤުވާ ފަރާތްތަކަށް ފްލެޓުތައް ލިބިދެވޭނެގޮތެއް ހޯދުމަށް ސަރުކާރުން މިހާތަނަށް ކުރައްވާފައިހުރި މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

މި ޖަލްސާގައި މެމްބަރުންވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައެޅުމަށް ނިންމަވާފައެވެ. އަދި ހިޔާގެ ފްލެޓްތަކަށް ފޯމު ހުށަހަޅައި ފްލެޓު ނުލިބޭ މާލޭގެ ރަށްވެހިންގެ ދިރިއުޅުމުގެ ޙާލަތު ބަލައި ހައްޤުވާ ފަރާތްތަކަށް ފްލެޓު ހޯދައިދިނުމަށް ސިޓީ ކައުންސިލުން މުހިންމު ދައުރެއް އަދާކުރަންޖެހޭކަމަށް ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތްތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓުދީފައިވާ ގޮތް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ޙައްޤުވެރިންނަށް އެފްލެޓްތައް މިއަހަރުގެ ތެރޭގައި ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ދެއްވާފައެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، އަތްފޯރާ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ ޢާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބިކަމަށެވެ.

ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓް ޢިއުލާންކުރުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ސިޓީ ކައުންސިލް ޖަލްސާގައިވަނީ މިމައްސަލައިގެ އިތުރުން 6 ކަމެއް ކުރުމަށް ނިންމާފައެވެ.