ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑެއް ބޭނުންކުރަން ނިންމައިފި


ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅި ކަރުދާހާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ވަޒީރުންގެ ލަފަޔާއެކުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ހުރި ފަރަޤުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕޮލިސީ ޓޫލްއަކަށް މި އާ މިންގަނޑު ހެދުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ނިންމަވާފައެވެ.

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ޞިއްޙީ، ތަޢުލީމީ، އަދި ދިރިއުޅުމުގެ ފެންވަރު ފަދަ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ޤައުމުން ބޭނުންކުރަމުންދާ މިންގަޑެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ. އަސާސީ ޚިދުމަތްތަކުން މަޙްރޫމްވުމަކީ ފަގީރުކަމަށް މީހުން ހުށަހެޅޭ ކަމެއްގެގޮތުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި އަސާސީ ޚިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަޤު ދެނެގަނެ، މި ތަފާތުތައް ކުޑަކުރުމާއެކު ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި އިސްކަންދޭންޖެހޭ ދާއިރާތަކާއި ސަރަޙައްދުތައް ފާހަގަކޮށް ހަމަހަމަކަން ފަހިކޮށްދިނުމުގައި ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި ވެސް ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު ބޭނުންކުރުމަށް ވަނީ ނިންމަވާފައެވެ.

މި އިންޑެކްސް އެކުލަވާލައްވާފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރެއްވި ފަންނީ މަސައްކަތްތަކަށްފަހުގައެވެ. ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލެއްވުމަށް ކަނޑައަޅާފައިވާ މެތޮޑޮލޮޖީއަށް ބަލާއިރު، މި އިންޑެކްސް އެކުލަވާލުމުގައި ބޭނުންކުރާ ހުރިހާ ޑޭޓާއަކީ އެއް ސަރވޭއަކުން އެއްކުރެވިފައިވާ ޑޭޓާއަށް ވާންޖެހެއެވެ. އެހެންކަމުން، ޓެކްނިކަލް ފެންވަރުގައި ކުރި ދިރާސާތަކުން މިކަމަށް އެންމެ އެކަށީގެންވަނީ ޑިމޮގްރަފިކް ހެލްތު ސަރވޭ (ޑީ.އެޗް.އެސް) ގައި ހިމަނާފައިވާ ޑޭޓާއެވެ.

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު ގިނަ ޤައުމުތަކުން ބޭނުންކުރަމުން ގެންދަނީ އެޤައުމެއްގެ ޙާލަތު ރަނގަޅަށް ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރެއްގައި އެކުލަވާލައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައިވެސް ބޭނުންކުރަމުންނެވެ. ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލާފައިވަނީ، އޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާއި ގުޅިގެން ޔުނިސެފް ރީޖަނަލް އޮފީސް ސައުތު އޭޝިއާ އާއި ޔުނިސެފް މޯލްޑިވްސްގެ އެހީއާއި އެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން ކޮށްފައިވާ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވިއެވެ.