ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދައްކާލަން ފުރުޞަތުދީފިއެވެ. މޯލްޑިވްސް އާރޓިސްޓިކް ކޮމިއުނިޓީއާއި މަޖިލިސް އިދާރާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ ލައުންޖުގައި ދައްކާލަން ބަހައްޓާފައިވާ ފޮޓޯތަކަކީ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިސްނެގުމަކަށް ދީފައިވާ ފުރުޞަތެެކެވެ.
މިއީ މިފަދަ ކަމަކަށް މަޖިލީހުގެ އިދާރާ ހުޅުވާލި ފުރަތަމަ ފަހަރެވެ. މޯލްޑިވްސް އާރޓިސްޓިކް ކޮމިއުނިޓީން ބުނީ މިއީ ކުރެހުންތައް މަޖިލީހުގެ އިދާރާގައި ދައްކަލުމަށް ކުރިއަށްގެންދާ ސިލްސިލާގެ ފުރުތަމަ ބުރުކަމަށެވެ. އަދި މަޖިލީހުގެ އިދާރާގައި ބަހައްޓާފައި މިކުރެހުންތަކުގެ ސަބަބުން މެންބަރުންނަށް ހިތްގައިމު މާހައުލެއް އުފެދިގެންދާނެކަމަށް އުއްމީދުކުރާކަމަށްވެސް މޯލްޑިވްސް އާރޓިސްޓިކް ކޮމިއުނިޓީން ވަނީ ބުނެފައެވެ.
މޯލްޑިވްސް އާރޓިސްޓިކް ކޮމިއުނިޓީން މަޖިލީހުގެ އިދާރާގައި 22 ކުރެހުމެއް ބަހައްޓަފައިވެއެވެ. މި ކުރެހުންތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ކުރެހުންތަކާއި ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ދައކުވައިދޭ ކުރެހުންތަކާއި ރާއްޖޭގައި ގިނަދުވަސްވީ ބައެއް ޢިމާރާތްތަކާއި، މަޖިލީހުގެ ބައެއް މެންބަރުން ދައްކުވައިދޭ ކުރެހުންތައް ހިމެނެއެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަނޑުއަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ލިޔުމެއްގައި ސޮއިކުރައްވާ މަންޒަރު ދައްކުވައިދޭ ކުރެހުމަކާއި، މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުﷲ ދައްކުވައިދޭ ފޮޓޯފުޅުވެސް ހިމެނެއެވެ.
މަޖިލީހުގެ އިދާރާގައި ބަހައްޓާފައިވާ މި ފޮޓޯތަށް އެއްމަސް ދުވަހުގެ މުއްދަތަށް ބަހައްޓާނެކަމަށް މޯލްޑިވްސް އާރޓިސްޓިކް ކޮމިއުނިޓީން ބުނެއެވެ. އަދި ފޮޓޯ ގަންނަން ބޭޏުންވާ މެންބަރުންނަށް އެ ފުރުޞަތު އޮންނާނެކަމށްވެސް އެ ޖަމްޢިއްޔާިން ބުނެއެވެ.