ކުޅިވަރު

ކެޕާ ވިއްކާލަން ލަމްޕާޑް ވިސްނަނީ


ޗެލްސީ އަށް ކުޅޭ ސްޕޭނުގެ ކީޕަރު ކެޕާ އަރިޒަބަލަގާ ވިއްކާލަން ކޯޗު ފްރޭންކް ލަމްޕާޑު ނިންމާފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނަން ފަށައިފި އެވެ.

މި ގޮތަށް ވާހަކަ ދެކެވުނީ ނިއުކާސަލް އާއި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕާ ހެދި ބޮޑެތި ގޯސްތަކަށް ފަހު އޭނާ ފުރަތަމަ 11އިން ބާކީކޮށްފައިވަނިކޮށެވެ. އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި ކެޕާގެ ބަދަލުގައި ގެންނަން ލަމްޕާޑު ވިސްނާފައިވާ ކީޕަރަކީ ބާންލޭގެ އިނގިރޭސި ކީޕަރު ނިކް ޕޯޕެވެ.

ލަމްޕާޑު މީގެ ކުރިން ވަނީ ކެޕާ ބެންޗަށް ބަދަލުކުރި ސަބަބުން އޮޅުންފިލުވައިދީފަ އެވެ. އޭނާ ބުނީ ގިނަ ގޯސްތަކެއް ހެދުމުން ކުޅުންތެރިޔާ އަށް ފުރުސަތު ގެއްލުމަކީ ވާނެކަމެއކަން ކޮންމެ ކުޅުންތެރިއަކު ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ކެޕާ ބެންޗަށް ބަދަލުކުރި ސަބަބު އޭނާ އަށް އެނގޭނެ ކަމަށާއި ނަމަވެސް މަސައްކަތްކޮށްގެން ފުރަތަމަ 11އިން ޖާގަ ހޯދުމުގެ ފުރުސަތު ކުޅުންތެރިޔާ އަށް އެބައޮތް ކަމަށެވެ.

ކެޕާ ވަކިކޮށް ޗެލްސީގެ ފުރަތަމަ 11އިން ޖާގަ ދެމުންދަނީ ތަޖުރިބާކާރު ކީޕަރު ވިލީ ކަބަޔޭރޯ އަށެވެ. ލަމްޕާޑު ބުނީ ކެޕާ އާއި ކަބަޔޭރޯ ވެސް ޕްރެކްޓިހުގައި ވަރަށް ވާދަވެރިކަމާއެކު މަސައްކަތް ކުރާ ކަމަށާއި ފުރުސަތު ލިބޭނީ އެންމެ ރަނގަޅު ކީޕަރަކަށް ކަމަށެވެ.

މި ސީޒަނުގެ ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުންދާ ޗެލްސީ އަށް ޖެނުއަރީ މަހު ކުޅުންތެރިން ގެނެސްފައިނުވާތީވެ ވެސް ލަމްޕާޑު ވަނީ ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނީ ވަށައިގެންތިބި ހުރިހާ ޓީމެއް ވަރުގަދަކޮށްފި ކަމަށާއި އޭގެ ސަބަބުން ގިނަ އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ.