ކުޅިވަރު

ޔޫއެފާ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިޢުލާންކޮށްފި


މިފަހަރުގެ އެވޯޑަށް ވާދަކުރާ ދިހަ ކުޅުންތެރިންގެ ނަންތައް
އިއުލާންކޮށްފައިވަނީ ޔޫއެފާގެ ރަސްމީ ވެބްސައިޓްގައެވެ.

ކޮންމެ ސީޒަނަކުވެސް ޔޫރަޕްގެ
ފުޓްބޯޅަ އިދާރާއިން ހޮވާ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިފަހަރު
ވާދަކުރަނީ ޔުވެންޓަސްގެ ފަސް ކުޅުންތެރިއަކާއި ބާސެލޯނާގެ ތިން ކުޅުންތެރިއަކާއި،
ރިއާލް މެޑްރިޑް އަދި ޗެލްސީ މިއިން ކޮންމެ ކްލަބަކުން އެއް ކުޅުންތެރިއެކެވެ. 

އެވޯޑަށް ވާދަކުރާ
ޔުވެންޓަސްގެ ފަސް ކުޅުންތެރިންނަކީ ގޯލްކީޕަރ ޖިއަންލުއިޖީ ބުފަން، ފޯވާޑް ކާލޯސް ތެވޭޒް އަދި ތިން މިޑްފިލްޑަރުންކަމަށްވާ އާރްތޫރޯ ވިދާލް، ޕައުލް ޕޮގްބާ އަދި
ޔުވެންޓަސް ދޫކޮށް އަންނަ ސީޒަނަށް އެމެރިކާގެ ނިއުޔޯކް ސިޓީ އެފްސީއަށް ގުޅުނު އަންދެރޭ
ޕިރްލޯ.

 ބާސެލޯނާއިން މި އެވޯޑަށް ވާދަކުރަނީ ތިން ފޯވާޑުން ކަމަށްވާ ލަޔަނަލް
މެސީ، ނޭމާ އަދި ލުއިސް ސުއަރޭޒް. 

ރިއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޗެލްސީގެ އެޑެން
ހަޒާޑްވެސް މިފަހަރުގެ އެވޯޑަށް ވާދަކުރާ ދިހަ ކުޅުންތެރިންގެ ތެރޭގައިވަނީ
ހިމެނިފައެވެ. 

މި ދިހަ ކުޅުންތެރިން  އަންނަ އޮގަސްޓްމަހުގެ
ބާރަވަނަ ދުވަހު ޔުއެފާއިން ތިން ކުޅުންތެރިންނަށް މަދު ކުރާނެއެވެ. އަދި މިދިޔަ ސީޒަންގެ މޮޅު
ކުޅުންތެރިޔާގެ މަގާމް އިއުލާންކުރާނީ އަންނަ އޮގަސްޓްމަހުގެ އަށާވީސްވަނަ ދުވަހު
ފްރާންސްގެ މޮނާކޯގައި އޮންނާ ޚާއްސަ ރަސްމިއްޔާތުގައެވެ. 

ޔޫރަޕްގެ މޮޅު
ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ 10 ކުޅުންތެރިން:

1. ލަޔަނަސް މެސީ - ބާސެލޯނާ

2. ނޭމާ ޖޫނިއަރ - ބާސެލޯނާ

3. ލުއިސް ސުއަރޭޒް - ބާސެލޯނާ

4. އަންދްރޭ ޕިރްލޯ - ޔުވެންޓަސް

5. ޖިއަންލުއިޖީ ބުފަން - ޔުވެންޓަސް

6. އާރްތޫރޯ ވިދާލް - ޔުވެންޓަސް

7. ޕައުލް ޕޮގްބާ - ޔުވެންޓަސް

8. ކާލޯސް ތެވޭޒް - ޔުވެންޓަސް

9. އެޑިން ހަޒާޑް - ޗެލްސީ



10. ކްރިސްޓިއާނޯ ރޮނާލްޑޯ - ރިއާލް މެޑްރިޑް