ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ ނިސްބަތް މަދު ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ގިނައީ އަނގައިގެ ކެންސަރެވެ.
ވޯލްޑް ހެލްތް އޮގަނައިޒޭޝަން(ޑަބްލިއު.އެޗް.އޯ)، ރާއްޖެއާއި ގުޅޭގޮތުން 2018 ހަދާފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ރާއްޖޭގައި މަރުވާމީހުންގެ 84 އިންސައްތަ މީހުންނަކީ ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަމަށެވެ. މީގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންކަމަށް އެ ރިޕޯޓްގައި ހާމަކޮށްފައި ވެއެވެ. އާސަންދަ އާއި އެންސްޕާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ އާއްމުކޮށް ފެންނަނީ އަނގައިގެ ކެންސަރެވެ.
ރާއްޖޭގެއި އަންހެނުންގެ ތެރޭގައި އެންމެ އާއްމު ކެންސަރަކީ އަނގައިގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ. ފިރިހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ގޮތުގައި ފާހަގަވެފައި ވަނީ އަނގައިގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރ، އަދި ބަނޑުގެ ކެންސަރާއި ފުއްޕާ މޭގެ ކެންސަރެވެ.
ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މަދުކުރުމާއި، އަދި ދުރާލާ މިކަމަށް މީހުން ހޭލުންތެރިކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް ސަރުކާރުންދަނީ "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކެންސަރު ބަލީގެ ދަފްތަރެއް އެކުލަވާލާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ނޫނަސް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ދަނީ ކުރިއަށްގެންދަމުންނެވެ.
މުޅި ދުނިޔެއަށް ބަލާއިރު ކެންސަރު ބަލީގައި 2018 ވަނަ އަހަރު 9.6މިލިއަން މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 30 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ މީހުންނަށް އެ ބަލި ޖެހިފައި ވަނީ އެމީހުންގެ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުންނެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކަމަކަށްވާތީ، ބަލީގެ ހިރާސްތަކުން ދުރުވުމަކީ ބަލިން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
ބައިނަލްއަޤްވާމީ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ދުޅަހެޔޮ ދިރުޅުމަކަށް މަގުފަހިވާ އާދަތަށް އަށަގެންނެވުމަށް އަޒުމް ކަނޑައެޅުމަކީ މުހިންމުކަމެކެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީވެސް، މި ބަލި ޖެހޭ މީހުން މަދުކުރުމަށް މީހުން މިކަމަށް ހޭލުންތެރިކުރުމެވެ.