ދަރުމަވަންތަ ސްކޫލުގެ އާޢިމާރާތުގެ މަސައްކަތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ. 
އަލަށް ޢިމާރާތްކުރުމަށް ނިންމަވާފައިވާ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކީ ވަށާޖެހޭ ތަޢުލީމެއްދެވޭ އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލްވެ.
2019ވަނަ އަހރުގެ ޕީއެސްއައިޕީގެ ދަށުން ޢިމާރާތްކުރަން ނިންމަވާފައިވާ ދަރުމަވަންތަ ސްކޫލުގެ މަސައްކަތަކީ 74.9 މިލިޔަން ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ. މިމަސައްކަތް ކުރުމަށް އެސް.ޖޭ ކޮންސްޓްރަކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ  އެއް އަހަރު ދުވަހުގެތެރޭ ނިންމުމަށެވެ. މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ  ޝިހާދު އިބްރާހީމެވެ.
		
										
			އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އާ ޢިމާރާތާއެކު އެސްކޫލް އެހެން ސްކޫލްތަކާ ތަފާތު ވާނެކަމަށެވެ. މިގޮތުން މި ސްކޫލްއަކީ ހަމައެކަނި އެކަޑަމިކް މާއްދާއްތައް ކިޔަވއިދިނުމުގެ ބަދަލުގައި ހުނަރުތައް ދަސްކޮށްދޭނެ ސްކޫލަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 
"ކުދިން ކްލާސްރޫމުން ބޭރުގައި ތިބެގެން ކިޔަވާލާ، ޚިޔާލު ބަދަލުކޮށްލެވެނެ ގޮތަކަށް ސްކޫލް ފަރުމާކޮށްފައިވާނީ."މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.
މި ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް  41 ކްލާސްރޫމް ހަަދަންވަނީ ނިންމާފައެވެ.  1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ މިސްކޫލްގައި  ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެވެސް ހުންނާނެއެވެ. މީގެއިތުރުން މަސައްކަތު މީހުންނަށް ޚާއްސަ ޖަގަހަ ތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުންނާނެއެވެ. މި ސްކޫލްގެ ޢިމާރާތުގެ މަސައްކަތް އަންނަ އހަރުގެ އޭޕްރީލް މަހު ނިންމައި 2022ވަނަ އަހަރު އެތަނުގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.
		
										
			ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ. 
އެތަން ބާވެ ބޭނުންނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އހަރުވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީޢިމާރާތެއް ހަދައި ކިޔަވިދޭންފަށާފައެވެ. 
އަދި މިއަދާ ހަމަޔަށް އައިރުވެސް ދަރުމަވަންތަ ސްކޫލްގެ ދާއިމީ އިމާރާތެއް އަޅާފައެއް ނެތެވެ. އެހެންނަމަވެސްމިދިޔަ އަހަރުގެ ތެރޭ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރުމަވަވަންތަ ސްކޫލްގެ އާޢިމާރާތް ވިލާ ކޮލެޖް ކުރިމަތީ އޮންނަ ބިމުގައި އެޅުމަށްވަނީ ނިންމާފައެވެ. އެޑިއުކޭޝަން މިނިސްޓްރީންވަނީ މަޖީދިއްޔާ ސްކޫލު ވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ތަނަކަށް ބަދަލުކުރުމަށް ނިންމައި، ދަރުމަވަންތަ ސްކޫލް ފުރަތަމަ ހުރިބިން އަލުން މަޖީދިއްޔާއަށް ދެއްވަން ނިންމަވާފައެވެ.