ކުޅިވަރު

ޤައުމީ ޓީމުގެ 8 ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ސެކުލޮސްކީ


އޭނާގެ ޓީމުގައި ދިވެހި ގައުމީ ޓީމުގެ އަށް ކުޅުންތެރިން އެބަތިބި ކަމަށާއި ބަނގްލަދޭޝްގެ އަބަހާނީ ބަލިކޮށް ތިން ޕޮއިންޓް ހޯދޭނެ ކަމަށް މާޒިޔާގެ ކޯޗު މާޔަން ސެކުލޮސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ މެޗުގައި މާދަމާ އަބަހާނީއާ ދެކޮޅަށް ކުޅެން މިވަގުތު ޑާކާގައި ހުރި ކޯޗު ބުނީ އެންމެ މުހިންމު ކަމަކީ ދަނޑުމަތީގައި ނެރޭ ނަތީޖާ ކަމަށެވެ.

"އަބަހާނީ އަކީ ވަރުގަދަ ޓީމެއް. އެކަމަކު އެމީހުންގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ކޮބާތޯ ބަލަން އަހަރެންނަށް މުހިންމެއްނޫން. އަހަރެންގެ ޓީމުގައި ގައުމީ ޓީމުގެ އަށް ކުޅުންތެރިން އެބަތިބި. އެންމެ މުހިންމު ކަމަކީ ދަނޑުމަތީގައި ނެރޭ ނަތީޖާ. އެކަމަށް އަހަރުމެން ތައްޔާރު،" ކޯޗު ބުންޏެވެ.

އަދީއްތަ ދުވަހު ޑާކާ އަށް ދިޔަ ޓީމަށް ހޯމަ ދުވަހު ޕްރެކްޓިސް ކުރުމުގައި ދަތިތަކެއް ދިމާވި އެވެ. އެއީ ޕްރެކްޓިހަށް ބަހުގައި ދިއުމަށް 1 ގަޑިއިރާއި 40 މިނިޓް ހޭދަވުމެވެ. މީގެ ޑަބަބަކީ ޑާކާގެ ޓްރެފިކްބާރުބޮޑުވުމެވެ.

"ކުރީގެ ނަތީޖާތަކުން ލިބޭނެ އެޑްވާންޓޭޖެއްނެތް. ކޮންމެ އަހަރަކު ވެސް ޓީމުގައި ތިބެނީ ތަފާތު ކުޅުންތެރިން. މިހެންވެ ތައްޔާރުވުން ވެސް ތަފާތުވާނެ. އަބަހާނީ އަކީ އަބަދުވެސް އަމިއްލަ ދަނޑުގައި މޮޅު ޓީމެއް. އަހަރުމެން ވެސް އެމީހުންނާ ކުޅެން ތައްޔާރު،" ކޯޗު ބުންޏެވެ.