ތަޢުލީމު

ޔުނިވަރސިޓީ ކައުންސިލްގެ 3 ދާއިރާއަށް މީހުން އިންތިޚާބުކޮށްފި


ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް ތިން
ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރުމަށްޓަކާ މިއަދު ކުރިޔަށްގެންދިޔަ އިންތިޚާބުގެ
ނަތީޖާ އިޢުލާންކޮށްފިއެވެ. މިއިންތިޚާބުގެ ނަތީޖާ އިޢުލާން ކޮށްދެއްވީ  ޔުނިވަރސިޓީ ކައުންސިލްގެ ސެކްރެޓަރީ އަހުމަދު
އަމީން މުހައްމަދުއެވެ.



މިއަދު ޔުނިވަރސިޓީން އިންތިޚާބު
ކުރިޔަށް ގެންދިޔަ ތިން ދާއިރާއަކީ ޔުނިވަރސިޓީ އެކަޑަމިކް ސެނެޓާއި، ޔުނިވަރސިޓީ
އެކަޑަމިކް މުވައްޒަފުންގެ ދާއިރާގެ އިތުރުން ޔުނިވަރސިޓީގައި ތައުލީމް ހާސިލް
ކުރާ ދަރިވަރުންގެ ދާއިރާއެވެ.މީގެތެރެއިން ޔުނިވަރސިރޓީ އެކަޑަމިކް ސެނެޓަށް ހޮވިފައިވަނީ
ފައްޔާޟް އަލިމަނިކެވެ. މިދާއިރާގެ އިންތިޚާބުގައި ދެބޭފުޅަކު ވާދަކުރިއެވެ.  ޔުނިވަރސިޓީގެ އެކަޑަމިކް މުއައްޒަފުންގެ
ދާއިރާއަށް ކުރިމަތިލީ ހަތް މީހުންގެ ތެރެއިން މިދާއިރާއަށް ހޮވުނީ އަބުދުﷲ
އަފީފެވެ. ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ދާއިރާއަށް
ކުރިމަތިލީ ދެ ކެނޑިޑޭޓުންގެ ތެރެއިން މިދާއިރާއަށް ހޮވުނީ އަބުދުﷲ ރާޒީއެވެ.  ޔުނިވަރސިޓީ ކައުންސިލްގެ ތިން ދާއިރާއަކަށް މީހުން ހޮވުމަށް އިންތިޚާބު ކުރިޔަށް ގެންދިޔައީ މިއަދު ހެނދުނު ދިހައަކުން މެންދުރުފަހު ދޭއް ޖަހަންދެންނެވެ.މި އިންތިޚާބު ޤައުމީ ޔުނިވަރސިޓީގެ މާލޭގައި ހުރި ތިން މަރުކަޒެއްގައި މިއަދު ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ރާއްޖޭގެ 4 ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ވޯޓްލުން ކުރިޔަށްގެންގޮސްފައިވެއެވެ.