ޚަބަރު

ކޮރޯނާވައިރަސް: އިއްޔެ އެކަނިވެސް ޗައިނާއިން 45 މީހުން ވަނީ މަރުވެފައި


ކޮރޯނާވައިރަސް ޖެހިގެންޗައިނާއިން އިއްޔެއެކަނިވެސް 45 މީހަކު މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ އިތުރުން މިވައިރަސް ޖެހިގެން ޗައިނާ ނޫން އެހެން ޤައުމެއްގެ މީހަކުވެސް އިއްޔެވަނީ މަރުވެފައެވެ. މިއާއެކު މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު ވަނީ 305ށް އަރާފައެވެ.

ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވަމުން ދާއިރު ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ހަލުވިކަމާއި އެކު މިވައިރަސް ދަނީ ފެތުރެމުންނެވެ، އެގޮތުން އާދީއްތަ ދުވަހުގެ ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން 45 މިހަކު މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ. އަދި ފުރަތަމަ ފަހަރަށް ވައިރަސްގެ އަސަރުކޮށްގެން އެހެން ޤައުމަކުން މީހަކު ވަނީ މަރުވެފައި ވަނީ އިއްޔެއެވެ.

މިއާއެކު މިހާތަނަށް މަރުވި މީހުން ޢަދަދަކީ 305 އެކެވެ. އާދިއްތަ ދުވަހު އެކަނިވެސް މިވައިރަސް ޖެހިގެން 315 މީހަކު ސީރިއަސް ހާލަތަކަށް ދިޔައިރު, މިހާރު ހާލު ސީރިއަސް ޖުމްލަ 2110 މީހަކު ތިބިކަމަށް ޑަބްލިއުއެޗްއޯއިން މަޢުލޫމާތުދެއެވެ. ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޗައިނާގައި މިހާތަނަށް 14411 މީހަކު މިވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ.

ޗައިނާގެ ބޭރުން ދުނިޔޭގެ 23 ޤައުމަކުން 146 މީހަކު މިހާތަނަށް މިވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ.
ސައުތް އީސްޓް އޭޝިއާގައި މިވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން މިހާރު ތައިލެންޑުގައި ކޮރޯނާ ވައިރަސް ހުރި 19 މީހަކު ވަނީ ކަރަންޓީންކޮށްފައެވެ. މީގެ އިތުރުން މިސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި ނޭޕާލް އަދި ސްރީލަންކާއިން ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ކޮންމެ ޤައުމަކުން އެންމެ މީހެކެވެ. އަދި އިންޑިއާއިން އާދީއްތަ ދުވަހު އެކަކު ޕޮޒިޓިވް ވެފައިވާއިރު މިހާރު އިންޑިއާގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 2 މީހުން އެބަތިއްބެވެ.

މީގެ އިތުރުން ވެސްޓް ޕެސިފިކް ޤައުމުތަކަށް ބަލާއިރު ބައެއް ޤައުމުތަކުގައި ވައިރަހަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖަޕާނުގައި މިހާރު ވައިރަސްގެ އަސަރުކޮށްފައިވާ 20 މީހުން ތިބި އިރު ސިންގަޕޫރުގައި 18 މީހަކުވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ކޮރެއާގައި ވައިރަސްގެ އަސަރުކޮށްފައިވާ 15 މީހަކު މިހާރު އެބަތިއްބެވެ. އޮސްޓްރޭލިއާގައި 12 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު މެލޭޝިއާގައިވެސް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް 10 ވަރަކަށް ދުވަސްތެރޭގައި ކޮރޯނާ ވައިރަސް އެންމެ ބާރުމިނުފައި ފެތުރޭނެއެވެ. އަދި އެއަށްފަހު މިވައިރަސް ފެތުރޭ މިންވަރު ދަށަށް ދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކޮރޯނާ ވައިރަހާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ޤައުމުތަކުން އަންނަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

މިވައިރަސްގެ ސަބަބުން މަރުވާ މީހުންގެ މެޑިކަލް ހިސްޓްރީއަށް ބަލާއިރު ފުއްޕާމޭގެ ބައްޔެއް ހުރުން ނުވަތަ އެއްވެސް ސަބަބަކާއި ހުރެ ފުއްޕާމޭގެ މައްސަލައެއް ހުންނަ މީހުންނާއި ދިފާޢީ ނިޒާމު ދެރަމީހުން އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.

އެންމެ އެކަށޭނެ ފަރުވާއެއް އަދި ހޯދިފައިނުވާ މިވައިރަސްއާއި ދެކޮޅަށް މިހާރު ކުރެވެންހުރި ކަންކަމަކީ ބަލިން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހިއަޅާ އިރު ނޭފަތާއި އަނގަމަތި ނިވާކުރުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.