ޚަބަރު

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަތޮޅުތެރޭގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފި


ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތައްކުގެ ތެރެއިން އަތޮޅުތެރޭގެ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ކާމާބެހޭ އެންމެހާ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޢާއްމުން ހޭލުންތެރިކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް މިހާރުވަނީ ފައްޓަވާފައެވެ. މިޕްރޮގްރާމްގެތެރެއިން ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މެނޭޖުމެންޓުގައި މަސައްކަތް ކުރައްވާ ބޭފުޅުނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރުވަނީ ހިންގާފައެވެ.

މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތުގެތެރެއިން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ޢާއްމުންނަށް ކުރެވޭނެ ކަންތައްތަކާއި ކުއްލިއަކަށް ފެތުރޭ މިންވަރު މަދުކުރުމަށް އެންމެން ގުޅިގެން ކުރެވޭނެ މަސައްކަތްތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހުމާއި ރޯގާ ފަދަ ކަމެއް މެދުވެރިވެފައި ހުންނަ މީހަކު ޢާއްމުންގެ ތެރެއަށް ނުނިކުތުމާއި ކޮންމެހެން ނުކުންނަން ޖެހޭ ޙާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު ބޭނުން ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނީ އެކަމުގައި ޢާއްމުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ހާސްކަމުގެ ތެރެއަށް ދިޔުމުގެ ބަދަލުގައި ކޮރޯނާ ވައިރަހާއި ގުޅޭ ތެދު މަޢުލޫމާތު ފޯރުކޮށް ދިނުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް ޒިޔާރަތްކޮށްގެން މަޢުލޫމާތު ދިނުމާއި ސްކޫލް ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަަކަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

. މިޕްރޮގްރާމަކީ 3 ދުވަހު މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށާއި މި 3 ދުވަހުގެ ތެރޭގައި ރާއްޖެގެ ހުރިހާ ރައްޔިތުންނަށް ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ހުރިހާ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެންވެސް މިކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.