ވިޔަފާރި

ޓްރާންސްޝިޕްމަންޓް ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން- ރައީސް


ގުޅީފަޅު ބަނދަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި މިއަހަރުގެ ތެރޭ ޢަމަލީ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅީފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް މިއަހަރު ފަށާއިރު، މި ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އަހަރެއްގެ މައްޗަށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ ކްލިއަރ ކުރެވޭގޮތަށް ޒަމާނީ ވަސީލަތްތަކާއިއެކުކަމަށެވެ.

ބަނދަރު ހެދުމުގެ ފީސިބިލިޓީ ޓެސްޓްތަކާއި ސަރވޭތައް މިހާރު ހަދަމުންދާއިރު ބަނދަރުގެ މާސްޓަރޕްލޭން މިއަހަރުގެ ތެރޭ ނިންމާލެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މި ބަނދަރު ތަރައްޤީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން." ރައީސް ވިދާޅުވިއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ހެދި ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ސަބަބުންނެވެ.

މިކަމަށް ހައްލެއް ގެނެސް ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ އަދި ޒަމާނަށްފެތޭ ބޮޑު ބަނދަރެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މި ބަނދަރާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮވެ، އިޤްތިސާދަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ހެދުމުގެ އެންމެ މުހިއްމު ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެހެނިހެން ސިނާޢަތްތައް ފުޅާކުރުމެވެ. އެގޮތުން ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ދާއިރާ ފުޅާވެ، އިޤްތިޞާދަށް އޭގެ ފައިދާ ވަރަށްބޮޑަށް ކުރާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ގުޅީފަޅު ޕޯޓު ތަރައްޤީކުރުމަކީ މިއަހަރަށް ސަރުކާރުން ބަޖެޓުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ.

ގުޅީފަޅު ބަނދަރާއެކު ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ޚަރަދު ކުޑަވެ، މުދާ އަރުވާ ބޭލުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެއެވެ.