ވިޔަފާރި

އެސްއެމްއީތަކަށް ލޯނުގެ ގޮތުގައި މިއަހަރު 450 މިލިއަން ރުފިޔާ ދޫކުރެވޭނެ- ރައީސް


ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް މިއަހަރު އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެސްއެމްއީތައް ކުރިއެރުވުމަށް ސަރުކާރުން ތަޢާރަފްކުރި އެސްޑީއެފްސީ ބެންކް މެދުވެރިކޮށް މިދިޔަ އަހަރުވެސް 335 މިލިއަން ރުފިޔާ ދޫކުރިކަމަށެވެ. އަދި މިއަހަރު އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އުފެއްދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަނުން، މިދިޔަ އަހަރުގެ ނިޔަލަށް 301 ވިޔަފާރިއަކަށް، ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދެވުނު. މިއަހަރުވެސް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިއަށް ޚާއްސަ ބޭންކެއް އުފެއްދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ. މި ވަޢުދާއެކު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ނަމުގައި ސަރުކާރުން ބޭންކެއް ތަޢާރަފްކުރީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

ރައީސް ވިދާޅުވީ ތަފާތު އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދަށުން އިނޮވޭޝަން ފަންޑެއް ތަޢާރަފްކޮށްފައިވާކަމަށެވެ. އަދި މި ފަންޑުގެ ތެރެއިން ޒުވާނުންނަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސް.އެމް.އީ އިނޮވޭޝަން ފަންޑެއް މިހާރުވަނީ އިފްތިތާޙުކޮށްފަ. މި ފަންޑުގެ ތެރެއިން، ދިވެހި ޒުވާނުންގެ އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ. މިއީ، މިހާތަނަށް، ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން." ރައީސް ވިދާޅުވިއެވެ.

އެސްޑީއެފްސީން ދަނީ ތަފާތު 4 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް"އާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރިއެހީ ލޯން ސްކީމް"އާއި ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް"އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.