ވިޔަފާރި

މަސްވެރިކަމަށް އެތެރެކުރާ ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލާނަން- ރައީސް


މަސްވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން މިއަހަރުގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ކަނޑާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، މަސްވެރިންގެ ޝަކުވާތަކަށްވެސް މި ސަރުކާރުން ހައްލު ހޯދަވައިދެއްވާނެކަމަށެވެ. އެގޮތުން މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރޭސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެކަން ރައީސް ވިދާޅުވިއެވެ.

" ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް، ލޭނު މަސްވެރިކަމަށް ދީފައި އޮތް ހުއްދަތައް، ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް، މިހާރު ވާނީ ބާޠިލު ކޮށްފައި. އަދި މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ." ރައީސް ވިދާޅުވިއެވެ.

ދިވެހި މަސްވެރިކަން ތަރައްޤީކުރަން ކުރަންޖެހޭ މަސައްކަތް ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރާނެކަމަށެވެ. އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރިޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންއަންނަކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މީގެއިތުރުން އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށުމަށްވެސް ވަނީ ނިންމާފައެވެ.