ޚަބަރު

4 އަހަރު ތެރޭގައި 6 ރަށެއްގައި އެއާޕޯޓް ތަރައްޤީކުރާނަން- ރައީސް


ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރު ފަށާނެކަންވެސް ހާމަކުރައްވާފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރައްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ހއ. ހޯރަފުށްޓާއި ގައި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއަރޕޯޓުތައް މި މުއްދަތުގައި ނިންމުމަށް އަމާޒު ހިފާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފާހަގަކުރެއްވިއެވެ.

"އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ. ހއ. ހޯރަފުށްޓާއި ގައި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއަރޕޯޓުތައް ނިންމުމަށް މިއަންނަނީ މަސައްކަތްކުރަމުން. އަދި ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާއިން ބޮޑެތި އާމާޒުތަކެއް ޙާސިލްކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ހާމަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުއަކީ، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. މިމަޝްރޫޢުގެ ދަށުން، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫޢަށް މި ސަރުކާރުގެ ވެރިކަމުގެ ކޮންމެ އަހަރެއްގެ ބަޖެޓުން 150 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި ނިޒާމުގެ ދަށުން ފެރީތައް ދަތުރު ކުރަނީ ތިން ބާވަތެއްގެ ރޫޓު ނުވަތަ ލިންކުތަކުންކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެއީ ކޮމިއުޓް ލިންކާއި، ނޮން ކޮމިއުޓް ލިންކާއި، ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ އާބާދީ ބޮޑު، އިގްތިސާދީ ގޮތުން ވަރުގަދަ ސަރަހައްދުތަކަށް ކައިރި ރަށެއްގެ މީހަކަށް ދުވާލެއްގެ މައްޗަށް ދެތިން ފަހަރު ދެވޭނެ ވަރަށް ދަތުރު ގިނަ އަދި އަވަސް ލިންކުތަކެވެ. އެފަދަ 12 ލިންކެއް އުތުރުގައި އޮންނާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ. ނޮން ކޮމިއިޓު ލިންކަކީ ދުވާލަކު އެއްފަހަރު އާބާދީ ބޮޑު، އިގްތިސާދީ ސެންޓަރަކަށް މީހަކަށް ދަތުރުކޮށް އަނބުރާ ދެވޭ ވަރުގެ ދަތުރުތައް އޮންނަ ލިންކެކެވެ. ފަސް ނޮން ކޮމިއުޓު ލިންކު އުތުރުގައި އޮންނާނެކަމަށް ޕްލޭނިންގް މިނިސްޓްރީއިން ވަނީ ހާމަކުރައްވާފައެވެ. ހައިވޭ ލިންކަކީ އަތޮޅުތައް ގުޅުވައިދޭ ލިންކެވެ. އުތުރުގައި ނަމަ އެ ލިންކު އޮންނާނީ އިހަވަންދޫއިން ކުޅުއްފުށިން ފުނަދޫއަށެވެ. އެއީ އެއް ދުވަހު ގޮސްފައި އަނެއް ދުވަހު އަންނަ ކަހަލަ ދަތުރުތަކެވެ.