ޚަބަރު

ޖާގައިގެ މައްސަލަ ހައްލު ކުރަން މި އަހަރު އިތުރު ޖަލެއް އަޅަން ފަށާނެ - ރައީސް


މި އަހަރުގެ ތެރޭގައި އިތުރު ޖަލެއް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމަށްފަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިތުރު ޖަލެއް އަޅަނީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޤައިދީން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން، ޖަލުތައް ތޮއްޖެހިފައި އޮތުމަކީ، އިޖްތިމާޢީ ހަމަޖެހުމާއި ޞުލްޙައަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން މިހާތަނަށް ގިނަ ކަންކަން ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މާފުށީ ޖަލުގެ ގިނަ ޔުނިޓްތައް ހުރި ގޮތުން، ކަސްރަތުކުރުމުގެ ފުރުޞަތު ޤައިދީންނަށް ނުލިބޭތީ، މިހާރުވަނީ އިތުރު ޔާޑެއް އަޅައިދެވިފައި. މީގެއިތުރުން، ޤައިދީންނަށް ދޭ ޢާއިލީ ބައްދަލުވުމުގެ ވަގުތު، 2 ގަޑިއިރަށް ބަދަލުކޮށް، އެކަހެރި ބައްދަލުވުންތައް 24 ގަޑިއިރަށް ވަނީ ބަދަލުކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އެންމެ މަތީވެރިޔާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯތްބާއެކު، މަސައްކަތްކުރާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ޤައުމީ ދިފާޢީ ބާރުގެ، ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އަބަދުވެސް ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށްވާނީ، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް އަމަންއަމާންކަން ޤާއިމުކުރުމާއި، ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި، ސިފައިންނާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މިދިޔަ އަހަރު މާލޭގައި ހިނގާ ދިޔަ، ނުރައްކާތެރި އަލިފާނުގެ ޙާދިޘާގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ، އިޖްތިމާޢީ އެއްބައިވަންތަކަމުގެ ވަރަށް ރީތި މިސާލެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ފުލުހުންގެ ޚިދުމަތަކީ، ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރެވިގެން، ޤާނޫނީ އިމުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތާ ގުޅޭ އެންމެހައި ކަންކަން ޤާނޫނުގައި އަލުން ކަނޑައެޅުމަށްޓަކައި، ފުލުހުންގެ ޚިދުމަތުގެ ބިލެއް، މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް މިއަހަރު އިތުރު އަތޮޅުތަކަށް ތަޢާރަފްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ރަނގަޅު ތަޞައްވުރެއް އުފައްދައި އިތުބާރު ހޯދުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.