ވިޔަފާރި

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 1300 އެނދު އިތުރުވެގެންދާނެ- ރައީސް


މިއަހަރުގެ ތެރޭގައި 1300 އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވީ މިއަހަރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހާސިލްކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ރައީސްގެ ބަޔާނުގައި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭ އަންނަ ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ޖުމްލަ 50591 އެނދު އޮޕަރޭޓްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަހަރު 13 ރިސޯޓާއި 74 ގެސްޓްހައުސް އަލަށް ހުޅުވޭނެ ކަމަށާއި މިއާއިއެކު ފަތުރުވެރިކަމަށް 1300 އެނދު އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި. އާދެ! އެއީ ޖުމްލަ 50591 އެނދު. އަދި މިއަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ލަފާކުރެވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ އަސަރު ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް 13287 ބުކިން ކެންސަލްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ގެއްލުން ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ މަސައްކަތް ގިނަކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި. މިބަލީގެ ނުރައްކާތެރިކަން ޢާންމުވި ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްވެއްޖެ. މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގުނު." ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުން އަމާޒު ހިފި މިޞްރާބަށް، މިދިޔަ އަހަރު ވަނީ ވާސިލްވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، 14.7 އިންސައްތައިގެ އިތުރުވުމެކެވެ.

ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، 2.5 މިލިއަނަށް އިތުރު ކުރުމެވެ.