ޚަބަރު

ގާނޫނީ ހުރަސްތަކާ ހެދި ނުނިމިހުރި ޖިންސީގޯނާގެ މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި


ގިނަ އަހަރުތަކެއްވަންދެން ޝަރީޢަތުގައި އޮތް ކުޑަކުދިންތަކަކަށް ޖިންސީގޯކުރި މައްސަލައެއް ގާނޫނީ ހުރަސްތަކާ ހެދި ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

2006 ވަނަ އަހަރު ބ. އަތޮޅު ރަށަކަށް ނިސްބަތްވާ ކުދިންތަކަކަށް އެރަށު މުދިމަކު ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެ ދައުލަތުން މިމައްސަލާގައި ކުރި އޭރު މަދަނީ ދަޢުވާއެއްގެ ގޮތުގައި ހުށައެޅި މައްސަލަ ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ކްރިމިނަލް ކޯޓުންވަނީ އެކަށީގެންވާވަރަށް ހެކި ނެތުމުން މައްސަލަ ސާބިތުނުވާކަމަށް ނިންމާފައެވެ.

ކުދިންތަކަކަށް ޖިންސީގޮނާކުރިކަމަށް ބުނާ މިމައްސަލާގައި ކުދިން ދެއްކި ވާހަކައެއް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ އެމައްސަލަ ސާބިތުނުވާކަމަށް ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރީ 2018 ވަނަ އަހަރުގައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިފަހުން ދައުލަތުން އަނބުރާ ގެންދިޔައީ މިމައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރި އިރު އަމަލުކުރި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވާކަންކަން މިހާރުގެ ޤާނޫނު އަސާސީއާ ޚިލާފުވުމުން ޤާނޫނު އަސާސީއާ ޚިލާފަށް މައްސަލަ ކުރިއަށްނުގެންދިއުމަށްކަމަށެވެ.

މިމައްސަލާގައި އިންސާފުނުލިބުމުގެ ކަންބޮޑުވުންތައް އެ އާއިލާތަކުން ފާޅުކޮށްފައިވާއިރު، ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލައަށް ވެފައިވާގޮތް ޕްރޮސިކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް އެރަށަށް ވަޑައިގެން އެމީހުންނަށް ކިޔައިދީ އޮޅުންފިލުއްވައިދެއްވާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއްވިއެވެ.