ޚަބަރު

ރަށްގިރާނަމަ ކުއްލި ފިޔަވަޅު އެޅުމުގެ އުސޫލެއް ހަދަނީ


ރަށްގިރުމާއި މިފަދަ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރެއްގައި މަޝްވަރާކުރުމަށް، އަންނަ މަރޗްމަހު ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއެވެ. ރަށްގިރުމުގެ މައްސަލަ ދިމާގެން ގިނަ ރަށްތަކަކުންދަނީ މިދުވަސްވަރު ރިޕޯޓްކުރަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ ރަށްގިރު މައްސަލައަށް ޙައްލު ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަން ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 123 ރަށަކަށް ރަށްގިރުމުގެ މައްސަލަ ދިމާވިކަމަށާއި ނަމަވެސް މީގެތެރެއިން އާދަޔާއި ޚިލާފަށް ރަށްގިރައިގެން ރިޕޯޓް ކުރީ 20 ރަށުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ރަށްތައް ދެނެގަނެ މިދިޔަ އަހަރު 44 ރަށުގައި ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢު ހިންގާފައިވާކަމަށެވެ.

އަދި މޫސުމަށް އައި ބަދަލާއެކު ރަށް ގިރުމުގެ މައްސަލަ މި ފަހުން ދިމާވި 25 ރަށެއް ދިރާސާކޮށް، އަންނަމުންދާ ބަދަލާއި އަދި މިކަން ޙައްލުކުރުމަށް ކުރެވޭނެ މަސައްކަތްތައް ދިރާސާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި މައްސަލައަށް ޙައްލު ހޯދުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރުމަށް ރާއްވާފައިވާކަމަށެވެ. އެގޮތުން ރަށްގިރުމާއި އަދި ރާއްޖޭގެ ތިމާވެއްޓަށް ދިމާވާ މިފަދަ މައްސަލަތަކާއި ގުޅޭ ފޯރަމެއް އަވަސް މުސްތަޤްބަލެއްގައި، ބާއްވަން ނިންމާފައިވާކަމަށެވެ.

"ބޮޑުހިލަ ޖެހުމުގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ތިމާވެއްޓާއި ރަށްޓެހި "ސޮފްޓް އިންޖިނިއަރިންގ ސޮލިއުޝަން"އެއް ހޯދަން. މާޗްގައި ބާއްވާނަން ޤައުމީ ފެންވަރުގެ

ކޮންފަރެންސެއް މިކަމަށް. ސައިންޓިފިކް ޕޭޕަރުތައް ހުށައަޅާނަން. ކުއްލި ޙާލަތްތައް ދިމާވީމަ ވަގުތު ނަގާ ދިގު ޕްރޮސެސްތަކުގެ ބަދަލުގައި، ކުއްލި ފިޔަވަޅުު އެޅޭނެ "ސްޓޭންޑަރޑް އޮޕަރޭޝަން ޕްރޮސީޖަރ"އެއް ހަދާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަމެއް ދިމާވުމުގެ ކުރިން އެފަދަ ކަންކަމަށް ތައްޔާރުވެ ތިބުމަކީ މިނިސްޓްރީގެ ޢަމާޒުކަމަށެވެ.

"މިހާރު ގިރަން ފެށީމަ މި ފިޔަވަޅުއަޅަން މަޝްވަރާކުރެވެނީ. އޭގެ ބަދަލުގައި ފިޔަވަޅު އަޅަންޖެހޭ ވަގުތު އަންނައިރު މިކަންކަން ލިޔެވިފައި ނިމިފަ އޮންނަންޖެހޭ. ވުޒާރާތަކާއި ކައުންސިލް ގުޅިގެން އޭރުން އަވަހަށް ފިޔަވަޅު އަޅަން ފެށޭނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަކަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާތީ އީޕީއޭއިންވަނީ ބައެއް ރަށްތަކުގެ ގިރާ ސަރަޙައްދުތަކަށް ވެލި އެޅުމުގެ ހުއްދަ ކައުންސިލްތަކަށް ދީފައެވެ.