ޚަބަރު

ހިމާޔަތްކުރާ ސަރަހައްދުތައް އާއްމުނަށް ބަންދެއް ނުކުރާނެ - އެންވަޔަރަމެންޓް މިނިސްޓަރ


ޙިމާޔަތްކުރާ ސަރަޙައްދުތަކަކީ ބޮޑު ތަޅު އަޅުވާފައިވާ ބަހައްޓާ ތަންތަނަށް ނުހަދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އުތުރުގެ އަތޮޅުތަކުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޕްލޭން ހެދުމުގެ މަޝްވަރާތަށް އެ އަތޮޅުތަކުގެ ކައުންސިލްތަކާއި ގުޅިގެން މިހާރުވަނީ ކުރިއަށްގެންދިއުމުގެ މަސައްކަތް ނިމިފައެވެ.

ކޮންމެ އަތޮޅަކުން އެއް ރަށާއި، އެއް ފަރާ،އި އެއް ކަނޑޫފާ ޙިމާޔަތްކުރުމަކީ ސަރުކާރުގެ ސްޓްރެޓިޖީކް އެކްޝަން ޕްލޭންގެ ދަށުން ފައްޓަވާފައިވާ މަސައްކަތެކެވެ. މިގެ ތެރެއިން ބައެއް އަތޮޅުތަކުން ޙިމާޔަތްކުރާ ސަރާހައްދުތައް މިހާރުވަނީ ކަނޑައަޅާފައެވެ.
އެގޮތުން ހއ، ހދ، ށ އަދި ނ އަތޮޅުން މިހާރުވަނީ ކޮންމެ އަތޮޅަކުން ރަށަކާއި، ފަޅެއް އަދި ކަނޑޫފަލެއް ޙިމާޔާތްކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީއިން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތަކީ މި ސަރަޙާއްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކޮށް، އެ ތަންތަން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމުގެ މަސައްކަތެކެވެ.

މިނިސްޓްރީގެ ފަރާތުން މިހާރުވަނީ މި 4 އަތޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ހއ.ކެލާ، ހދ.ކުޅޫދުއްފުށި، ހދ.ނޭކުރެންދޫ، ށ.ފުނަދޫ އަދި ނ.ކެނދިކުޅުދޫގައެވެ.
އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަން ބައިވެރިވެ ވަޑައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކަކީ އެ އަތޮޅެއްގެ ރައްޔިތުންގެ ބައިވެރިވުމާއި، އެމީހުންގެ ޚިޔަލާއިއެކު އެ ތަންތަން ބެލެހެއްޓުމުގެ ޕްލޭންތައް ހެދުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކެކެވެ..

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ މި ތަންތަން ބޭނުންކުރާ ފަރާތްތަކަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް އެފަރާތްތަކުގެ ލަފައައާއި އެއްގޮތަށް ޕްލޭންތައް ހެދުމަށް މަގުފަހިކުރުން ކަމަށެވެ. އަދި މި ތަންތަނުގެ އަސްލު ގެއްލުވާ ނުލައި އަންނަ އޮތް ޖީލުތަކަށް ވާސިލްކުރުންކަމަށެވެ. އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ ޙިމާޔަތްކުރާ ތަންތަނަކީ އެ ސަރަޙައްދުތަކަށް އެއްވެސް ބަޔަކަށް ނުވަދަވޭގޮތަށް ބޮޑުތަޅު އަޅުވާފަ ހުންނަ ތަންތަނަށް ހެދުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށެވެ. އޭގެ ބަދަލުގައި އެއީ މީހުންނަށް ހިތްފަސޭހަ ކޮށްލައި އަދި މި ތަންތަނުން މަންފާވެސް ލިބޭނެ ތަންތަނަށް ހެދުމަކީ މިނިސްޓްރީގެ އަމާޒުކަމަށެވެ.

މަޝްވަރާ ބައްދަލުވުންތަކުގައިވަނީ ހިމާޔަތް ކޮށްފައިވާ ތަންތަނަށް އެއްފަހަރާ ދެވޭ ކަނޑު އުޅަނދުގެ އަދަދާއި، އެތަންތަނުގައި ކުރެވޭނެ ކަންކަމާއި، އަދި އެތަންތަން ބަލެހެއްޓުމުގައި ޢަމަލު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ޙިޔާލު ހޯދާފައެވެ.

ހއ، ހއ، ށ އަދި ނ އަތޮޅު ހިމެނޭގޮތަށް 15 ސަރަޙާއްދުވަނީ ޙިމާޔަތްކޮށްފައެވެ.

ބައްދަލުވުންތަކުން އެއްކުރި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް، ފައިނަލް ޕްލޭންތައް އެކުލަވާލާނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓުންނެވެ.

ބައްދަލުވުނުތަކުގައި މިނިސްޓްރީގެ އިތުރުން، އީޕީއޭ، ޕްލޭނިންގ މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، އެލްޖީއޭއާއި ކައުންސިލްތަކުން ބައިވެރިވެފައިވެއެވެ.