ޚަބަރު

ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ ޗައިނާގައި 46 މީހުން ވަނީ މަރުވެފައި


ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ ޗައިނާއިން 46 މީހުން ވަނީ މަރުވެފައިކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއާއެކު މިހާތަނަށް ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 259 އަކަށް އަރައެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު ޗައިނާ އާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާއިން 46 މިހަކު މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވެއެވެ. މިއާއެކު މިވައިރަސްގައި މަރުވި މީހުން ޢަދަދަދު ވަނީ 259 އަރާފައެވެ.. ހޮނިހިރު ދުވަހު އެކަނިވެސް މިވައިރަސްގެ އަސަރުކޮށްގެން 268 މީހަކު ސީރިއަސް ޙާލަތަކަށް ގޮސްފައިވާއިރު މިހާރު މިޙާލަތުގައި ޖުމްލަ 1795 މީހަކު ތިބިކަމަށް ޑަބްލިއުއެޗްއޯއިން މަޢުލޫމާތުދެއެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޗައިނާގައި މިހާތަނަށް 11821 މީހަކު މިވައިރަސްއަށް ވަނީ ޕޮޒިޓިވްވެފައެވެ. ޗައިނާގެ ބޭރުން ދުނިޔޭގެ 4 ޤައުމަކުން 26 މީހަކު އަލަށް ވައިރަސްއަށް ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއާއެކު މިހާރު 23 ޤައުމަކުން ޖުމްލަ 132 މީހަކަށް މިވައިރަހުގެ އަސަރުކޮށްފައި ވެއެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގައި މިވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތައިލެންޑަށެވެ. އެގޮތުން ހޮނިހިރު ދުވަހު އިތުރު 5 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު މިހާރު ތައިލެންޑުގައި ކޮރޯނާ ވައިރަސް ހުރި 19 މީހަކު ވަނީ ކަރަންޓީންކޮށްފައެވެ.

މީގެ އިތުރުން މިސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ނޭޕާލް އަދި ސްރީލަންކާއިން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ކޮންމެ ޤައުމަކުން އެންމެ މީހެކެވެ. ވެސްޓް ޕެސިފިކް ޤައުމުތަކަށްބަލާއިރު ބައެއް ޤައުމުތަކުގައި ވައިރަސްއަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން ޖަޕާނުގައި މިހާރު ވައިރަސްގެ އަސަރުކޮށްފައިވާ 17 މީހުން ތިބި އިރު ސިންގަޕޫރުގައި 16 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ކޮރެއާގައި ވައިރަހުގެ އަސަރުކޮށްފައިވާ 12 މީހަކު މިހާރު އެބަތިއްބެވެ. އޮސްޓްރޭލިއާގައި 12 މީހަކު ޕޮޒިޓިވްވެފައި ވާއިރު މެލޭޝިއާގައިވެސް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް މިވައިރަސްގެ އަސަރު ހޮނިހިރު ދުވަހު އަލަށް ފެނިފައި ވަނީ އިގިރޭސިވިލާތާއި ސްވިޑަން އާއި ސްޕެއިނުންނެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ކުރިއަށް އޮތް އެއްހަފްތާ ނުވަތަ 10 ވަރަކަށް ދުވަސްތެރޭގައި ކޮރޯނާ ވައިރަސް އެންމެ ބާރުމިނުފައި ފެތުރޭނެއެވެ. އަދި އެއަށްފަހު މިވައިރަސް ފެތުރޭ މިންވަރު ދަށަށް ދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކޮރޯނާ ވައިރަހާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ޤައުމުތަކުން އަންނަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މިވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ތެރޭގައި، މެޑިކަލް ހިސްޓްރީއަށް ބަލާއިރު ފުއްޕާމޭގެ ބައްޔެއް ހުރުން ނުވަތަ އެއްވެސް ސަބަބަކާއި ހުރެ ފުއްޕާމޭގެ މައްސަލައެއް ހުންނަ މީހުންނާއި ދިފާޢީ ނިޒާމު ދެރަމީހުން އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ. އެންމެ އެކަށޭނެ ފަރުވާއެއް އަދި ހޯދިފައިނުވާ މިވައިރަސްއާއި ދެކޮޅަށް މިހާރު ކުރެވެންހުރި ކަންކަމަކީ ބަލިން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހިއަޅާ އިރު ނޭފަތާއި އަނގަމަތި ނިވާކުރުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.