ވިޔަފާރި

ބުކިންތައް ކެންސަލްކުރިޔަސް، ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވެއްޖެ


ކޮރޯނާ ވައިރަސް ފެތުރެން ފެށި ފަހުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަދާފައިވާ ބައެއް ބުކިންތައް ކެންސަލް ކުރިނަމަވެސް، ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަޙީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން މިހާތަނަށް ގިނަ އަދަދެއްގެ ބުކިން ކެންސަލްކޮށްފައިވާކަމަށެވެ. އެގޮތުން ޖަނަވަރީމަހުގެ 26 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީމަހުގެ 2 ވަނަ ދުވަހާއި ހަމައަށް 11115 ބުކިން ކެންސަލްކޮށްފައިވާކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

އަލީ ވަޙީދު ވިދާޅުވީ ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިން ކެންސަލްކުރިނަމަވެސް، އެމުއްދަތުގައި ރާއްޖެ ޒިޔާރަތްކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިންގ ހައްދާފައިވާކަމަށެވެ. އެގޮތުން 26 ޖެނުއަރީން 4 ފެބްރުއަރީގެ ނިޔަލަށް މުޅިން އަލަށް 24759 ބުކިން ހައްދާފައިވާކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ދުވަސްވަރެއްކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 151554 (އެއްލައްކަ ފަންސާސްއެއް ހާސް ފަސް ސަތޭކަ ފަންސާސް ހަތަރު) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު އެއަދަދު ވަނީ 173874 (އެއްލައްކަ ހަތްދިހަ ތިންހާސް އަށް ސަތޭކަ ހަތްދިހަ ހަތަރު) ފަތުރުވެރިންނަށް އިތުރުވެފައިކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

"ދުނިޔޭގެ މޫވްމަންޓްތައް (އެއް ތަނުން އަނެއް ތަނަށް ޒިޔާރަތްކުރުން) މަދުވާނެ އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން. ފަތުރުވެރިކަމަށް އަންނާނެ ލޮޅުމެއް. އެހެންނަމަވެސް އަޅުގަނޑުމެންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެެރިވާ ބޭފުޅުންގެ ސަމާލުކަން އޮތީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި. މަޓީން ދަނީ އިސްވެ އޮވެ ހުރިހާ އެޖެންސީތަކާއެކު ކޮންމެ ދުވަހަކު ސަރުކާރާއެކީ ބައްދަލުވުންތައް ބާއްވަމުން" އަލީ ވަޙީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއަށް ރިސޯޓްތަކާއި ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގާ ފަރާތްތައްވެސް ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އަލީ ވަޙީދު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްވެސް މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރު އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުގެ ތެރެއިން 3 ރިސޯޓެއްނޫން އެހެން ހުރިހައި ރިސޯޓެއްގައި މެޑިކަލް އުސޫލުން އެޗްޕީއޭ އުސޫލަށް ބަލާއިރު، މީހަކަށް ޝައްކު ކުރެވުނަސް ދެން ހާދާނެގޮތުގެ ތަރުތީބުތައް ލިޔެވިފައި އެބައޮތް. އަދި އެ 3 ރިސޯޓުގައި އެ މިންގަތު ނެތުމާއި ގުޅިގެން އަޅުގަނޑުމެން ވާނީ އެކަން ކުރެވޭނެގޮތް މެނޭޖްމަންޓާއި ގުޅިގެން ތަރުތީބުކޮށްފައި." އަލީ ވަހީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން އެކުލަވާލާފައިވާ ސަރުކާރުގެ ޓާސްކް ފޯސްގައިވެސް ހިމެނިވަޑައިގަންނަވާ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލާތަކަށްވެސް ސަރުކާރުން އޮތީ ތައްޔާރުވެފައިކަމަށާއި ދިވެހި ރައްޔިތުން ބިރު ގަންނަންޖެހޭ ޙާލަތެއް ނެތްކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

"އެންމެ ގޯސް ހާލަތަކަށް ދިޔަސް، އަޅުގަނޑުމެން އެމީހުން ކަރަންޓީނު ކުރާނެ ގޮތެއް ނެތިފައި، ތައްޔާރުނުވެއެއް ނޫން މިތިބީއެއް. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ކޮމިޓީގައި ޔަޤީންކަން ދެއްވާފައި އޮތީ، ރާއްޖޭގެ ރިސޯޓެއް ހުސްކޮށްފައި ވިޔަސް އެކަން ކުރާނަން އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި. ޔަޤީންކުރައްވާ" މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ޗައިނާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުން ވަނީ ހުއްޓާލާފައެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ސްކްރީންކުރުމަށް ރާއްޖެއަށް ވަންނަ ބަނދަރުތަކާއި އެއަރޕޯޓްތައް ދަނީ ސްކްރީންކުރަމުންނެވެ.