ޚަބަރު

އިންޑިއާގައި ކަރަންޓީނުކުރި ދިވެހިންނަށް ހުރިހާ އެހީތެރިކަން ލިބޭނެ - ފޮރިން މިނިސްޓަރ


ޗައިނާގެ ވޫހާން ސިޓީން އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައިވާ ދިވެހިންނަށް އެމީހުންގެ ޢާއިލާއާ ގުޅޭނެ އިންތިޒާމު ހަމަޖައްސަވައި އެމީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ދާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހާ ގުޅޭގޮތުން ވަމުންދާ ގޮތުގެ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝަދާއެކު ވޫހާންގައި ތިބި ދިވެހިން ސަލާމަތާއެކު އިންޑިއާގެ ދިއްލީއަށް ގެންގޮސްފައިވާކަމަށެވެ.

އެއަރޕޯޓުން 7 ދިވެއްސަކު އިންޑިއާގެ ފްލައިޓެއްގައި އެޤައުމުގެ ޗައުލާ ކޭމްޕަށް ގެންގޮސްފައިވާކަމަށާ، މިއަދު މެންދުރު 12 ޖަހާކަންހާއިރު އެކޭމްޕަށް އެމީހުން ފޯރާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޗައުލާގައި އެމީހުން ކަރަންޓީންކޮށްފައިތިބޭނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެ 7 ދިވެހިންނަށް އެތަނުގައި ތިބޭއިރު ޢާއިލާއާ ގުޅޭނެގޮތަށް މޯބައިލް ސިމާއި އެމީހުންނަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދޭނެކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން އެމީހުން ހާލު ބަލަމުންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

"މިކަމަކީ ވަރަށް ގިނަބައެއްގެ އެއްބާރުލުމާއި އެހީ ލިބިގެން ކުރިކަމެއް. ދިވެހި ސަރުކާރުގެ ނަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ފޮރިންގ މިނިސްޓަރާއި ސަފީރަށް ޚާއްޞާ ޝުކުރެއް ދަންނަވަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ މިވަގުތު ޗައިނާގައި ބާކީތިބީ 43 ދިވެހިންކަމަށެވެ. މިހުރިހާ ދިވެހިންގެ ޙާލު ބަލަމުން އަންނަކަމށާ، ދިވެހިންނަށް މިފަދަ ޙާލަތެއްގައި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ ގިނަ ފަތުރުވެރިން އެބަތިބިކަމަށާއި، މިވަގުތު ރާއްޖެއިން ޗައިނާއަށް ސީދާ ދަތުރުތައް މެދުކަނޑާލާފައި އޮތްނަމަވެސް މިހާރު އަންނަ ފްލައިޓްތަކަކީ ޗައިނާގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއްކަމަށެވެ.