ކުޅިވަރު

މާޒިޔާ މެޗު ފަސޭހަނުވާނެ: އަބަހާނީ ކޯޗު


މާޒިޔާއާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ފަސޭހަނުވާނެ ކަމަށް ބަނގްލަދޭޝްގެ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނެފި އެވެ.

ބުދަ ދުވަހު އަމިއްލަ ދަނޑުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗާއި މި މަހުގެ 12 ވަނަ ދުވަހު މި ދެ ޓީމު މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ މެޗުން ބަލިވާ ޓީމެއް މުބާރާތަށް ކޮލިފައިނުވެ ކަޓާނެ އެވެ.
ލެމޯސް ބުނީ މި ދެ މެޗަށް ނުކުންނައިރު އޭނާގެ ޓީމު ޑިފެންސް ބަލި ކަމަށެވެ.

"އަހަރުމެންގެ ޑިފެންސުގައި ތިބީ މީގެ ކުރިން ނުކުޅެތިބި ކުޅުންތެރިން. ގައުމީ ޓީމުގެ ކުޅުންތެރިން ވަރަށް ވަރިބަލި. މިއީ މައްސަލައެއް. މިހެންވެ އަހަރުމެން ޖެހެނީ ހުރިހާ ކުޅުންތެރިންގެ ތެރެއިން ޓީމު (ފުރަތަމަ 11) ބެލެންސްކުރަން. މިއީ ނޮކްއައުޓް މެޗެއްވީމަ އަހަރުމެން ޖެހޭނީ ފަހަތް ޕެކްކޮށްގެން ވިސްނުންތެރިކަމާއެކު ކުޅެން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މާޒިޔާގެ ޑިފެންސް ވަރުގަދަ ނަމަވެސް އޭނާގެ އެޓޭކިން ފޯސްއާމެދު އިތުބާރު އެބައޮތް ކަމަށެވެ.

"އަހަރުމެންގެ އެޓޭކާމެދު އިތުބާރު އެބައޮތް. މިދިޔަ އަހަރު އަހަރުމެންނަށް ކުރިމަތިވީ ގޯލު ނުޖެހުމެއްނޫން. އިންޖަރީގެ މައްސަލަ. އޭގެ ސަބަބުން ގިނަ ގޯލުތަކެއްވަން. މިކަމާ އަހަރުމެން މިފަހަރު ވެސް ފަރުވާތެރިވާންޖެހޭނެ. މިހާރު ޓީމުގައި ތިބި ކުޅުންތެރިން ކުރިން ކުޅެފައިނެތަސް އެމީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ވަރުގަދަ ކުޅުންތެރިން. މިއީ ޑިފެންސް ވަރުގަދަކުރަން އަހަރުމެން ބޭނުންވާ ކަމެއް. އަހަރުމެންގެ މުޅި ޓީމަކީ ތަޖުރިބާކާރު ޓީމެއް. މިއީ އޮތް އެޑްވާންޖޭޖެއް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މާޒިޔާ ދިރާގު ދިވެހި ޕްރެމިއާ ލީގުގައި ކުޅެމުންދާއިރު ބަނގްލަދޭޝްގެ ޕްރެމިއާ ލީގު ނުފަށާތީވެ މެޗު ތަޖުރިބާ ޓީމުގައި މަދު ކަމަށެވެ. މިހެންވެ މިއީ މާޒިޔާ އަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.

"އެކަމަކު އަހަރެން އެމީހުންގެ ތިން މެޗެއްގެ ވީޑިއޯ ބެލިން. އެއީ ޑިފެންސް ވަރަށް ވަރުގަދަ އެކަމަކު އެޓޭކިންގައި އެންމެ ކުޅުންތެރިއެއް ވަރުގަދަ ޓީމެއް. މީގެ އެޑްވާންޓޭޖް އަހަރުމެންނަށް ނެގޭނެ،" ޕޯޗުގަލްގެ ކޯޗު ބުންޏެވެ.