ކުޅިވަރު

ލިވަޕޫލަށް 22 ޕޮއިންޓްގެ ލީޑެއް


ސައުތެމްޓަން އަތުން 4-0އިން މޮޅުވެ އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލް 22 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ކާމިޔާބުކުރާނެ ކަމަށް ބެލެވިފައިވާ ލިވަޕޫލަށް މިހާރު ވަނީ 73 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމާ އެންމެ ގާތުގައި އޮތީ އެންމެ ފަހުގެ ދެ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.

ނަމަވެސް ކޯޗު ޔާގެން ކްލޮޕް ބުނީ ތައްޓާމެދު އޭނާ ނުވިސްނާ ކަމަށާއި ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި މެޗުގައި ދެއްކުނީ އެންމެ ފުރިހަމަ ކުޅުން ނޫން ކަމަށެވެ.

"އެމީހުން ވަރަށް ގިނަ ހަމަލާދިން. އަހަރުމެންނަށް ފުރުސަތެއް ލިބުނީ ދެ ވަނަ ހާފުގައި. އަހަރުމެންގެ ނިންމުންތައް ރަނގަޅު. އެކަމަކު 4-0ވީއިރު ވެސް އެމީހުން ދުލެއް ނުދޭ. އެމީހުންނަށް ތައުރީފް ހައްގު،" ކްލޮޕް ބުންޏެވެ.

ސައުތެމްޓަނުގެ ކޯޗު ބުނީ އޭނާގެ 50 މިނިޓް ދުނިޔޭގެ އެންމެ މޮޅު ޓީމު ހިފެހެއްޓުމަކީ ވެސް ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ކުޅުނީ އެޓީމުން މިހާތަނަށް ދެއްކި މޮޅު ކުޅުންކަން އޭނާ ފާހަގަ ކުރި އެވެ.

"ލިވަޕޫލްގެ ދަނޑުގައި މިއީ އެންމެނަށް ވެސް ލިބުނު ތަޖުރިބާއެއް. އެމީހުންގެ ފުރަތަމަ ގޯލަށް ފަހު ދެން ފެނިގެންމިދިޔައީ ދެ ޓީމުގެ ތަފާތު. އެކަމަކު އަހަރުމެންގެ ގޭމްޕްލޭނާ އެއްގޮތަށް ކުޅެވުނު. ނަތީޖާ ތަންކޮޅެއް ބޮޑުކޮށް ފެނިގެންދިޔަ ނަމަވެސް ކުޅުންތެރިންގެ މަސައްކަތާމެދު އަހަރެން ހިތްހަމަޖެހޭ،" ކޯޗު ބުންޏެވެ.

މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހީ ފަހުހާފު ފަށައިގެން އޮކްސްލޭންޑް ޗެމްބަލައިން އެވެ. ދެ ވަނަ ގޯލު ކެޕްޓަން ޖޯޑަން ހެންޑަސަން އޭނާގެ ކުރީގެ ޓީމު ކޮޅަށް ޖެހި ފަހުން މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ދެ ލަނޑު ޖަހައި ނަތީޖާ 4-0އިން ބަދަލުކޮށްލި އެވެ.