ޚަބަރު

ޒުވާނާގެ ޙާލަތު ރަނގަޅު - މިނިސްޓަރ އަމީން


ކޮރޯނާވައިރަހުގެ އަސަރު ނެތްކަން ކަށަވަރުކުރުމަށްޓަކައި އެކަހެރިކުރި ޒުވާނާގެ ހާލު ރަނގަޅުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާލުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ ޒުވާނާގެ ގައިން ކުރިން ފާހަގަކުރެވުނު އަލާމާތްތައް މިހާރު ނުފެންނަކަމަށާ އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޗައިނާއިން ރާއްޖެ އައި 20 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރު ކުރުމަށްޓަކައި އޭނާ އެކަހެރި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އެކަހެރިކުރީ ޗައިނާއިން ރާއްޖެ އައިތާ އެއްދުވަހުގެ ތެރޭގައި އެނާގެ ކިބައިން އަރިދަފުސްގެ އަލާމާތްތައް ފެނުމުންނެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އެކަހެރި ކުރި ޒުވާނާގެ އިތުރުން 2 މީހެއްގެ ގައިގައިވެސް ކޮރޯނާ ވައިރަސްގެ އަސަރު ނެތްކަން ކަށަވަރު ކުރުމަށްޓަކައި ޓެސްޓު ކުރުމަށް މިހާރު ޕޫނޭއަށް ފޮނުވާފައިވާކަމަށެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ކުރިން އުއްމީދުކުރިގޮތަށް އާދިއްތަ ދުވަހުގެ ވަގުތެއްގައި ލިބޭނެކަމަށެވެ.

ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މީހުން ކަނޑައެޅުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެކަހެރިކުރެވުނު ޒުވާނާގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އޭނާގެ ޙާލު ރަނގަޅުކަމަށާއި އޭނާގެ ކިބައިން ކުރިން ފެނުނު އަލާމަތްތައް މިހާރު ނުފެންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮރޯނާވައިރަސްގެ އަސަރު ހުރި މީހަކު ރާއްޖެއިން ނުފެނުނު ނަމަވެސް އެ ވައިރަހުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ފަރުކޮޅުފުށީގައިވެސް އެކަމަށް އެކަށީގެންވާ ތަނެއް ތައްޔާރުކޮށް މީހުން އެކަހެރިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. އަދި މީހުން އެކަހެރިކޮށްފައި ބައިތިއްބުމަށް ތައްޔާރުކުރާ އައިސޮލޭޝަން ޔުނިޓުތަކުގެ ޖާގަވެސް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ކޮރޯނާވައިރަސް ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އިތުރަށް ވަރުގަދަކޮށް ސްކްރީން ކުރުންވެސް ވަރުގަދަކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން ކޮރޯނާއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ޙާލަތެއްގައި ޓެސްޓު ކުރުމަށް އިންޑިއާގެ އިތުރުން މިހާރު ތައިލެންޑަށްވެސް ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެގޮތުން ފާއިތުވި 24 ގަޑިއިރުގެތެރޭގައި 712 މީހަކު ސްކްރީންކޮށް ސުވާލުކޮށް، މިކަމާއި ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ޢާއްމުންނަށް މަޢުލޫމާތު ދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 3 ދުވަހުގެތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.