ޗައިނާއިން އެތެރެކުރާ ކާބޯތަކެއްޗަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޗްޕީއޭގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު ވިދާޅުވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިކަން ހޯދުމަށް ޗައިނާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެތި ބެލުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. ޚާއްސަކޮށް ޗައިނާއިން ރާއްޖެ އެތެރެކުރާ ސީފުޑްއަށް ސަމާލުކަންދީގެން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އާންމުކޮށް އެތެރެކުރަނީ ސީފުޑްގެ ބާވަތްތައްކަމަށާއި މިއީ ކުރު މުއްދަތަކަށް ހުންނަ ތަކެތިކަމަށެވެ. އަދި ރާއްޖެއަށް އާންމުކޮށް ގެންނަ ކާބޯތަކެތީގެ ބާވަތްތަކަކީ ޔޫރަޕް ފަދަ ޤައުމުތަކުން ގެންނަ ކާބޯތަކެއްޗަށް ވުމާއެކު މިތަކެތީގެ ޒަރިއްޔާއިން ކޮރޯނާވައިރަސް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުނަނުދިނުމަށް ސަރުކާރާއި ކަމާއި ބެހޭ އެކި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އަވަށްޓެރި އެކި ޤައުމުތަކަށް މި ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި މި ބަލިން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސިއްހަތާބެހޭ އެކި އިދާރާތަކުން އިލްތިމާސްކުރެއެވެ.