ޚަބަރު

އެމްޑީޕީ ޕްރައިމަރީ: އައްޑުއާއި ފުވައްމުލަކުގެ މިހާރުގެ މޭޔަރުންނަށް ބޮޑު ނާކާމިޔާބެއް!


ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރުންނަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހިއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި މިހާތަނަށް ގުނާ ނިމިފައިވާ ނަތީޖާއަށް ބަލާއިރު އައްޑޫގެ މިހާރުގެ މޭޔަރު ޢަބްދުﷲ ޞާދިޤް ފަހަތައް ޖައްސާލުމަށްފަހު އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްފައިވަނީ ޞާދިޤާއި އެންމެ ގާތުން ވާދަކުރި ކެނޑިޑޭޓް އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރުއެވެ.

ޞާދިޤް ކުރީގައި އުޅޭކަމަށް ދައްކަނީ އޭނާ ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ ވޯޓުގެ ނަތީޖާއިންނެވެ. ނަމަވެސް އަދިވެސް ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ގުނާ ނުނިމުނުނަމަވެސް ނަތީޖާއަށް ބަދަލު އަންނާނެކަމަށް ނުބެލެވެއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށުމަށްފަހު އައްޑޫގައި މިހާތަނަށް މޭޔަރުކަމާއި އަތޮޅު ކައުންސިލްގެ ރައީސްކަން ކޮށްފައިވަނީ ޢަބްދުﷲ ޞާދިޤްއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވީ ޞާދިޤާއި ނިޒާރުގެ އިތުރުން އައްޑޫ އެމްޑީޕީގެ ރައީސް އަޙްމަދު އަދުހަމެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރު ޢަބްދުﷲ ފަލާހު ފަހަތައް ޖައްސާލުމަށްފަހު ޕްރައިމަރީގައި ފުވައްމުލަކު ސިޓީގެ މާޔަރުކަމަށް ވާދަކުރާނެ ޓިކެޓް ކަށަވަރުކޮށްފައިވަނީ އިސްމާޢިލް ރަފީޤްއެވެ.