ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އިތުރު އެއްވެސް މީހަކު ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދަޅުވެއްޖެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކޮރޯނާ ވައިރަސް ނެތްކަން ޔަޤީންކުރުމަށް ރޭ އައިސޮލޭޝަންގައި ބެހެއްޓި ވިހި އަހަރުގެ ޒުވާނާ ފިޔަވާ އިތުރު އެއްވެސް މީހަކު މިބައްޔަށް ޝައްކުކުރެވިފައި ނުވާކަމަށެވެ.
ނަމަވެސް އާންމު ރޯގާއާއި ހުމުގެ އަސަރު ހުރުމުގެ ސަބަބުން ވަރަށް ގިނަ މީހުން މިނިސްޓްރީގެ ހޮޓްލައިނަށް ގުޅާކަމަށާއި، ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތޯ ބެލުމަށް ސުވާލުކުރަމުން އަންނަކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި ޗައިނާއަށް ދަތުރުކުރި ފަރާތްތަކުންވެސް ގުޅަމުން އަންނަކަމަށާއި، އޭގެތެރެއިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތޯ ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2 މީހަކު ހާލަތު ޔަޤީންކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ކަމާބެހޭ ހުރިހާ ފަރާތްތަކަށްވެސް ސައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވަމުން ދާކަމަށެވެ. މިމަޢުލޫމާތު ފޯރުކޮށްދެނީ އެކަމާގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ. ކޮރޯނާއަށް ޕޮޒިޓިވް މީހެއްގެ މައްސަލައެއް ފެނުނަސް އެ މައުލޫމާތުތައް ހާމަކުރައްވާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އަދި ފަހުން މޮނީޓަރ ކުރަމުންދާ ދެމީހުން ވެސް ޓެސްޓް ކުރާނެކަމަށާ، އެހެންނަމަވެސް ކޮރޯނާއަށް ޝައްކުކުރެވޭތޯ ބަލަމުންދާ މީހާ އާއި މި މީހުންގެ ޙާލަތު ތަފާތުކަމަށެވެ. މިހާރު ފުނަދޫގައި އެކަހެރި ކޮށްފައިވާ މީހާގެ ޓެސްޓްތަކުގެ ނަތީޖާ ލިބެން އަދި ދެތިން ދުވަސް ނަގާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.