ވިޔަފާރި

މިހާރު ޗައިނާ ފްލައިޓްތައް އަންނަނީ ޗައިނާ ފަތުރުވެރިން ގެންދިއުމަށް


ޗައިނާއިން މިހާރު ރާއްޖެއަށް ފްލައިޓްތައް އަންނަމުންދަނީ ޗައިނާ ފަތުރުވެރިން އަނބުރާ އެޤައުމަށް ގެންދިއުމަށްކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން މިހެން ވިދާޅުވެފައިވަނީ ދުނިޔޭގައި ކޮރޯނާވައިރަސްއާ ގުޅިގެން ޗައިނާއިން ފްލައިޓްތައް ރާއްޖެއަށް އައުން ހުއްޓުވާފައިވާކަމަށް ސަރުކާރުން ހާމަކުރައްވާފައިވަނިކޮށްވެސް އެޤައުމުގެ ފްލައިޓު އަންނަމުންދާކަމަށް ބުނެ ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ޗައިނާއިން 3 ޑައިރެކްޓް ފްލައިޓް ރާއްޖެއަށް އައިސްފައިވާކަމަށް މަޢުލޫމާތުލިބެއެވެ. ސަރުކާރުން ވަނީ ޗައިނާއާއި ރާއްޖެއާއި ދެތޭރެގެ ވައިގެ ދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑާލިކަން ޢިއުލާންކުރައްވާފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ ސަރުކާރުގެ މިނިންމުމާއެކު އެއަރލައިންތަކުން ކުރިން ދެކޮޅު ޓިކެޓް ނަގާފައި ތިބި ފަތުރުވެރިން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެހުއްދަ އެއަރލައިންތަކަށް ދީފައިވާކަމަށެވެ. ރާއްޖެއަށް މިހާރު އަންނަމުންދާ ޗައިނާގެ ފްލައިޓްތަކަކީ ރާއްޖެއަށް އެއްވެސް ނުރައްކަލެއްއޮތް ފްލައިޓްތަކެއް ނޫންކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވަރަސް ރާއްޖެއަށް އެތެރެވިޔަނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޗައިނާއިން ރާއްޖެއައި ދިވެއްސަކު ފުނަދޫގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ޔުނިޓްގައި މިހާރުވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ކޮރޮނާވައިރަސްގެ އަސަރު ފެނިފައިވާ ޤައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ މިދުވަސްވަރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.