ކުޅިވަރު

އިންޓަރ ކޮންޓިނެންޓަލް ކަޕްގައި ރާއްޖޭގެ ޓާގެޓަކީ އައު ކަންތައްތަކެއް ދަސްކުރުން: ބައްސާމް


އަންނަ މަހު ދުބާއިގައި ފަށާ ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަރ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރާ ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމުގެ އަމާޒަކީ މުބާރާތުން އައު ކަންތައްތަކެއް ދަސްކުރުންކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުގެ އެކަޑަމީތަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާނީ 13 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމެއެވެ. މި ޓީމާ ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދާއި އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ރޭ ބައްދަލުކުރައްވާފައެވެ. ހޮޓެލް ޖެންގައި އޮތް މި ބައްދަލުވުމުގައި މި ޓީމްގައި ގައި ހިމެނޭ ކުޅުންތެރިންގެ ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މި މުބާރާތް ކާމިޔާބުކުރަން ވިސްނުމުގެ ބަދަލުގައި ދިވެހި ޓީމްގެ އަމާޒަކީ މި މުބާރާތުން އައު ކަންތައްތަކެއް ދަސްކުރުންކަމަށެވެ. ބައްސާމް ވިދާޅުވީ ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކާއި ދެކޮޅަށް ކުޅެ ތަޖުރިބާތައް ލިބިމުކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ކުޅުންތެރިންނަށް ހިތްވަރު ދެއްވަމުން ބައްސާމް ވިދާޅުވީ ގިނަ ކަންތަކެއް ދަސްކުރުމުގެ އިތުރުން މެޗަށް ނުކުންނަންވާނީ ރަނގަޅު ކުޅުމެއް ދައްކާ މެޗުން މޮޅުވުމުގެ އުއްމީދުގައިކަމަށެވެ.

"ދެން ހަމަ މި މުބާރާތަށް ދާއިރުގައި އަޅުގަނޑުމެން ދާ ޓާގެޓަކީ މި މުބާރާތް ކާމިޔާބުކުރުމެއް ނޫން. މު ބާރާތުން ވަރަށް ބައިވަރު ކަންތައްތަކެއް ދަސްކުރުން. އިދިކޮޅުން ނަން މަޝްހޫރު ކްލަބްތަކާއި ވާދަކުރާއިރު މޮޅު ވެވޭނެކަމުގެ އުއްމީދުގައި ކުޅެން ނުކުންނަން ވާނީ. އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެ. ބަލިވުމަކީ މައްސަލައެއް ނޫން ރަނގަޅު ކުޅުމެއް ކުޅެފައި." ބައްސާމް ވިދާޅުވިއެވެ.

އަންނަ މަހުގެ 13 އިން 15 އަށް ދުބާއީގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ވާދަކުރާކަން އިޢުލާންކުރީ މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއެކު ބޭއްވި ފުޓްބޯޅަ ފިއެސްޓާގައެވެ.

މި މުބާރާތުގައި ރެއާލް މެޑްރިޑް، ބާސެލޯނާ ، ބަޔާން މިޔުނިކް، އިންޓަރ މިލާން، އާސެނަލް، ޕޯޓޯގެ އިތުރުން މިސްރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެކެޑެމީތަކުންވެސް ވާދަކުރާނެއެވެ. މި މުބާރާތުގައި ރާއްޖެ އޮތް ގްރޫޕްގައި ހިމެނެނީ އާސެނަލާއި ދުބާއީގެ އިތުރުން ސައުދީ އަރަބިއްޔާގެ އެކެޑަމީ ޓީމުތަކެވެ.