އަވިން ހަކަތަ އުފެއްދުމަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢު އެންވަޔަރަންމަންޓް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރުވަނީ އިޢުލާންކޮށްފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ، އެންމެ މަތީ އަދަދުގެ %30 އަށް އިޢާދަކުރަނިވި ހަަކަތަ ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ، ކުރަމުންނެވެ.
ނަމަވެސް މިސަރުންވަނީ މި އަދަދު %70 އަށް އިތުރުކޮށް، ރާއްޖެއިން ތެލަށް ބަރޯސާ މިންވަރު ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ.
ވަރލްޑް ބޭންކާއި ދިވެހިރާއްޖެ ގުޅިގެން ހިންގުމަށް ނިންމާފައިވާ މި މަޝްރޫޢަކީ އެންވަޔަރަންމަންޓުން ހިންގުމަށް ނިންމާފައިވާ "އެކްސެލެރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ"(އެރައިސް)ގެ ދަށުން ހިންގުމަށް ނިންމާ ފުރަތަމަ މަޝްރޫޢެވެ.
މިމަޝްރޫޢުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ ރާއްޖޭގެ 6 ރަށެއްގައެވެ.
މި 6 ރަށުގެ ތެރޭގައި ހިމެނެނީ:.
މި ހަރަށް ހިމެނޭގޮތަށް ޖުމްލަ 21 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ޖެހުމަށްވަނީ ނިންމާފައެވެ. ކޮންމެ ރަށެއްގަވެސް ސޯލާ ޕީވީ ބަހައްޓާނީ އެރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ އަދަދުގެ %70 އަށެވެ.
މި މަޝްރޫޢު މި ރަށްތަކުގައި ކުރިއަށްގެންދަން ނިންމީ މިނިސްޓްރީއާ ރަށު އަދި ސިޓީ ކައުންސިލްގެ މަޝްވަރާއާއެކުއެވެ. އަދި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ސަރަޙައްދުތައްވެސް މިހާރު ކަނޑައަޅާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމާއި ގުޅޭ އެންމެހާ ދިރާސާތަކުގެ މަސައްކަތްވަނީ ނިމިފައެވެ.
މި 6 ރަށުގެ މަޝްރޫޢާއެކު އެކަނިވެސް ދަޢުލަތުން ތެލަށްކުރާ ޚަރަދުން ބޮޑު ބައެއް ކުޑަކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އެގޮތުން 6 ރަށުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުމުން، ދަޢުލަތުން ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެ މަތީ އަދަދުގެ %70 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.