ޚަބަރު

ކޮރޮނާއަށް ޝައްކުވާ މީހެއްގެ ގޮތުގައި ކަނޑައެޅުމަށް ބަލާ 5 ކަމެއް


ކޮރޮނާ ވައިރަސް ނެތްކަން ޔަޤީން ކުރުމަށް ދިވެއްސަކު ޓެސްޓް ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ މި މީހާ ކޮރޮނާއަށް ޓެސްޓް ކުރަނީ އޭނާގެ ގައިން އެ ވައިރަހުގެ ސީދާ ނިޝާންތައް ފެންނަން ހުރުމުގެ ސަބަބުން ނޫންކަމަށެވެ.

މިކަން އިޢުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުއްﷲ އަމީން ވިދާޅުވީ، މި މީހާ ކަރަންޓީން ކޮށްފައިވަނީ ކޮރޮނާ ވައިރަހަށް ޝައްކު ކުރެވޭ ކެޓަގަރީގެ ތެރެއިން ކަމެއްގައި މި މީހާ ޝާމިލްވެފައިވާތީކަމަށެވެ.

ބައްޔަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، ޑަބްލިޔު.އެޗް.އޯއިން ކަނޑައަޅަނީ މައިގަނޑު 5 ކަމަކަށް ބަލައިގެންނެވެ.

ކޮރޮނާއަށް ޝައްކުވާ މީހެއްގެ ގޮތުގައި ކަނޑައަޅާ 5 ކެޓަގަރީ:

  • ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ޝައްކުވާފަދަ ނިޝާންތައް ހަށިގަނޑުން ފެނުމުގެ، 14 ދުވަސް ކުރިން ވުހާން އަދި ހޫބޭ ޕްރޮވިންސްއަށް ގޮސްފައިވުން.
  • އަލާމާތްތައް ފެނުނު ދުވަހުގެ 14 ދުވަސްކުރިން ޗައިނާގެ އެއްވެސް ސަރަޙައްދެއްގައި ހުންނަ މީޓް މަރކެޓް، މަސްވިއްކާ މަރުކެޓަކަށް ގޮސްފައިވުން.
  • ހުން އައުން ކެއްސުން ކަރުގައި ރިއްސުން، ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުން.
  • ބަލިމީހާއަކީ މި ބަލި އުޅޭ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްދޭ ތަނެއްގެ، ޚިދުމަތްދޭ ފަރާތަަކަށްވުން.
  • އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާ މީހެއްކަމަށް ބެލެވޭ މީހަކާއި އެކުގައި އުޅެފައި ހުރުން ނުވަތަ ބަލި މީހުން ތިބި ތަނަކަށް ޒިޔާރަތްކުރުން.


މި 5 ކަމުގެ ތެރެއިން އެއްވެސް ކަމެއްގައި ޝާމިލްވާ މީހެއްނަމަ ބަލާނީ ކޮރޮނާއަށް ޝައްކުވާ މީހެއްގެ ގޮތުގައެވެ.
ރާއްޖެއިން މި ބައްޔަށް ޓެސްޓް ކުރުމަށް ސާމްޕަލްނެގި މީހާ ޓެސްޓުކުރަން ނިންމީ، އޭނާއަކީ ވޭތުވެދިޔަ 14 ދުވަހް ތެރޭގައި ޗައިނާގެ މީޓް މަރކެޓަކަށް ޒިޔާރަތްކުރި މީހަކަށްވުމުންނެވެ. އަދި އެ މީހާ ހުރި ޒިޔަމެންސިޓީންވެސް ކޮރޮނާއަށް ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މިއިން އެއްވެސް ކަމެއްގައި ޝާމިލްވި މީހެއްނަމަ ލަސްނުކޮށް ސިޢްޙީ އެހީ ހޯދުމަތް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ބަލި ހުރިކަމަށް ޝައްކުވާނަމަ ސިއްޙީ އެހީތެރިންގެ އިރުޝާދާއި ނުލައި އެއްވެސް މީހަކާއި ކޮންޓެކްޓްވެ، ނުވަތަ ބޭރަށް ނުކުމެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.