ސިއްހަތު

ޑަބްލިއުއެޗްއޯ އިން މުޅިދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި


ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅިދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޖަމިއްޔާގެ ޑިރެކްޓަރ ޖެނަރަލް ޑރ. ޓެޑްރޮސް އެޑްނަމް ވިދާޅުވީ މި އެލާޓަކީ ހަމައެކަނި ޗައިނާގައި މިބަލި ފެތުރެމުންދާތީ ނެރުނު އެލާޓެއްނޫންކަމަށެވެ. މިއީ ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުން މިބަލި ފެންނަމުންދިއުމާއި ގުޅިގެން މުޅިދުނިޔެއަށް ވައިރަސް ފެތުރިދާނެކަމުގެ ބިރުއޮތުމުން ނެރުނު އެލާޓެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 170 އަށް އަރާފައެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ 18 އަށްވުރެ ގިނަ ޤައުމުން މި ވައިރަސް ފެނިފައިވާއިރު، މިހާތަނަށް އެކި ޤައުމުތަކުން 98 މީހުން މި ވައިރަހަށް ޕޮޒެޓިވް ވެފައިވާކަމަށް ޑައބްލިއުއެޗްއޯއިން ވަނީ ހާމަކޮސްފައެވެ.

އެޖަމިއްޔާއިން ބުނެފައިވަނީ މި ވައިރަސް މިހާތަނަށް ޖެހުނު ގިނަ މީހުންނަކީ ވައިރަސް ފެނުނު ޗައިނާގެ ވޫހާން ސިޓީން އެކި ޤައުމުތަކަށް ދަތުރުކުރި މީހުންކަމަށެވެ.

ރާއްޖެއިންވެސް ވަނީ ކޮރޯނާ ވައިރަސް އެތެރެވިޔަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ.