ޚަބަރު

ކޮރޯނާ ވައިރަސްއާއި ގުޅޭ މަޢުލޫމާތު ހުރިހާ ހޮސްޕިޓަލަކަށްވަނީ ދީފައި - ހެލްތު މިނިސްޓަރ އަމީން


ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ހުރިހާ ހޮސްޕިޓަލް ތަކަކަށް މިހާރު މަޢުލޫމާތު ފޯރުކޮށް ދެއްވާފައިވާކަމަށާ، މިހާރުވެސް މަސައްކަތްކުރަމުންދަނީ އަތޮޅުތައް އިތުރަށް ތައްޔާރުކުރުމަށްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަކީ ނުރައްކާތެރި މައްސަލައެއްކަމަށާ،ސަރުކާރުން މަސައްކަތްކުރަމުންގެންދަވަނީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށްކަމަށެވެ.

ކޮރޯނާއާ ގުޅިގެން އަތޮޅުތަކުގެ ހުރިހާ ހޮސްޕިޓަލްތަކަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވާފައިވާކަމަށާ، އިތުރުން ރިސޯޓުތަކުގެ މެނޭޖްމަންޓަށާއި ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށްވެސް މިމަޢުލޫމާތު ފޯރުކޮށްދެމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތު ޕޯޓުތަކުގައި ހުރި ކެމެރާތަކުގެ އިތުރަށް އިތުރު ތާމަލް ކެމެރާ ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިވަގުތަށް ބޭނުންވާވަރަށް އަނގަޔާއި ނޭފަތް ނިވާކުރަން އަޅާ މާސްކް ރާއްޖޭގައި ހުރިނަމަވެސް ކުއްލި ޙާލަތަކަށް ތައްޔާރުވުމަށް އިތުތަށް ބޭނުންވާ މާސްކް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުޅިދުނިޔެއަށް ދިމާވެފައިވާ ކޮރޯނާވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމަށް ޤައުމުތަކުން ފިޔަވަޅުތައް އަޅަމުން އަންނައިރު ރާއްޖެއިންވެސް ގެންދަނީ ކޮރޯނާވައިރަސްގެ ކޭސްއެއް ފެނިއްޖެ ޙާލަތަކަށް ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ.