ވިޔަފާރި

ކޮރޮނާވައިރަހާ ގުޅިގެން ފަތުރުވެރިންނަށް އެހީވުމަށް ހެލްޕް ޑެސްކެއް ޤާއިމްކޮށްފި


ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަތުރުވެރިންނަށާއި އޮޕަރޭޓަރުންނަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކްއެއް ޤާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ހާލަތް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށެވެ. އެގޮތުން ފަތުރުވެރިންނާއި ޓޫރިޒަމް ސިނާޢަތުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިނިސްޓްރީގެ ހެލްޕް ޑެސްކެއް ޤާއިމްކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލާތު ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިނިސްޓްރީގައި "ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް" އެއް ޤާއިމްކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ މިނިސްޓްރީގެ "ސިޗުއޭޝަން މޮނިޓަރިންގ ޔުނިޓް"ގެ ހޮޓްލައިން ނަންބަރު 7223131 އަދި ހެލްޕް ޑެސްކް ނަންބަރު 9423131 އަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ ޗައިނާއިން ރާއްޖެއަށް އަންނަ ޑައިރެކްޓް ފްލައިޓްތައް މިވަގުތައް ހުއްޓާލާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ޤާއިމްކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރާތްކޮށް އެއަރޕޯޓުގައި ކޮރޯނާ ވައިރަސް ސްކްރީން ކުރުމަށް ކުރަމުންދާ މަސައްކަތް ގާތުން ބައްލަވާލައްވާފައެވެ.