ޚަބަރު

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި އޯޕަންޑޭއެއް މާދަމާ ބާއްވަނީ


މިދިޔަ އަހަރު އޯލެވެލް އިމްތިޙާން ނިންމި ދަރިވަރުންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް އޯޕަންޑޭއަށް ބާއްވަން ނިންމައިފިއެވެ.

މި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރަކުން ހައެއް ޖަހަންދެން އަދި ރޭގަނޑު ހަތަކުން ނުވަގަޑި ތިރީސްވަންދެން މި ހަރަކާތް ކުރިއަށްދާނެކަމަށް އެ ސްކޫލުން ބުނެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އޯޕަންޑޭއަށް ދާ މީހުންނަށް އަމިއްލައަށް ލެބޯޓަރީގައި ބައެއް އެކްސްޕެރިމެންޓްތައް ހަދާ ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ސްކޫލުން ބުނެއެވެ. މިއޯޕަން ޑޭގައި ކުޅިވަރު ކުޅުމާއި އެހެނިހެން ހަރަކާތްތައްވެސް ބޭއްވުމަށްވަނީ އިންތިޒާމްކޮށްފައެވެ. އޯޕަންޑޭއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި އުނގެނުމުގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ހުންނަގޮތާއި، އަދި ވަޞީލަތްތައް ޤާއިމްކުރެވިފައި ހުރިގޮތް އަމިއްލަށް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނީ މުދައްރިސުންނާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ތަޢުލީމް ހާސިލްކޮށްގެން ތިބި މީހުންގެ ތަޖުރިބާގެ މައްޗަށް ސުވާލުކުރުމުގެ ފުރުޞަތު މިއޯޕަންޑޭގައި މަގުފަހިވެގެންދާނެކަމަށެވެ.

މި އޯޕަންޑޭއަކީ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ޚާއްސަކޮށް 2019 ވަނަ އަހަރު އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށާއި ދަރިވަރުންގެ ބެލެނިވެރިންނަށް އަދި ޢާއިލާގެ މެމްބަރުންނަށް ވަރަށް ބޭނުންތެރި ފުރުސަތެއްކަމަށް އެ ސްކޫލުން ބުނެއެވެ.