ޚަބަރު

އަސާސީ ބޭނުންތަކަށް ދަތިނުވޭ، އެންމެ ބޭނުންމީ ކޮރޯނާ ވައިރަހުން ސަލާމަތްވާން - ޗައިނާގައިތިބި ދިވެހި ދަރިވަރުން


ޗައިނާގެ ވުހާން ސިޓީން ކޮރޯނާ ވައިރަސް ފެނުނު ހިސާބުން ފެށިގެން އެސިޓީގައި ދިވެހިން އުޅޭކަމުގެ މައުލޫމާތު ލިބި އެމީހުންގެ ހާލަތު ގާތުން ބަލަމުންދާކަމަށް ޗައިނާގައި ހުންނަ ދިވެހި އެމްބަސީއާ ދިވެހި ޚާރިޖިއްޔާއިން ދަނީ ހާމަކުރަމުންނެވެ. އެހެންނަމަވެސް ވުހާންގައި މިބަލި ފެތުރިފައިވާ ނިސްބަތުން އެސިޓީ "ލޮކްޑައުން" ކުރުމާއި ގުޅިގެން އެތަނުގައި ތިބި ދިވެހިން އެތަނުން ބޭރުކުރެވޭގޮތް އަދިވަނީ ނުވެފައެވެ.

ވުހާން ސިޓީގައި ކުޑަކުޖެއް ހިމެނޭހެން ޖުމްލަ 9 ދިވެހިން ދިރިއުޅޭކަމަށް ފޮރިންގ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އަދި އޭގެ ތެރެެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުންކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ނަމަވެސް ޗައިނާއަކީ ރާއްޖެއާ ނުހަނު ދުރު ޤައުމަކަށްވުމާއެކު އެތަނުގައި ތިބި ދިވެހިންގެ ޙާލަތު ދެނެގަތުމަކީ ކޮންމެ ދިވެއްސަކުވެސް ބޭނުންވެފައިތިބިކަމެކެވެ.

ވުހާންގައި ދިރިއުޅޭ ދިވެއްސަކާއި ގުޅުމަށް ޕީއެސްއެމް ނިއުސްއިން ކުރިމަ މަސައްކަތުން މިރޭ އިރުއޮއްސި 6:30 ހާއިރުވަނީ ވުހާންގައި މެޑިސިން ކިޔަވަމުންދާ ދިވެހި އަންހެން ދަރިވަރަކާއި ގުޅިފައެވެ.

ދިވެހި އެެހެން ދަރިވަރަކާއެކު އެޕާޓްމަންޓް ޝެއަކުރާ އެ އަންހެންކުއްޖާ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެން އެޕާޓްމަންޓުން ބޭރަށް ނުދާކަމަށެވެ. އޭނާ ބުނީ އެތަނުގައި ކަންކަން އިންތިޒާމުކުރެވިފައި ހުންނަ ގޮތުން ކަރަންޓާއި ފެންފަދަ އަސާސީ ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތި ނުވާކަމަށެވެ. އަދި ކާއެއްޗެހިވެސް ޑެލިވަރ ކޮށްދޭކަމަށާއި، ބައެއްފަހަރު އެޕާޓްމަންޓްގެ ގްރައުންޑްފްލޯއަށް ޑެލިވަރ ކުރާތީ ތިރިއަށް ފައިބާކަމަށެވެ. އެނާ ބުނީ މިހާރު އެސަރަހައްދުގެ ބައެއް ސުޕަރމާކެޓްތައްވެސް ހުޅުވާފައިވާކަމަށާ ބޭނުންބަޔަކަށް އެތަންތަނަށްގޮސް ވިޔަފާރިކުރުމުގެ އިޚްތިޔާރުއޮތްކަމަށެވެ. ނަމަވެސް ވައިރަސްގެ ބިރުވެރިކަމާހެދި ބޭރަށް ދާން ބޭނުންނުވާކަމަށް އޭނާ ކިޔައިދިނެވެ.

މިވަގުތަށް އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރުމުން އެނާ ބުނީ މިވަގުތު ވުހާންގެ ހާލަތު ހުރިގޮތުން އެސިޓީން ބޭރުވާން އެންމެ ބޭނުންވި ނަމަވެސް އެންމެ އެދެނީ ކޮރޯނާ ވައިރަސް ފިލައިގެން ދިއުމަށްކަމަށެވެ. އޭނާ ބުނީ ފޮރިން މިނިސްޓްރީން ވުހާންގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު ހިންހަމަޖެހުމެއް ލިބިގެންދިަޔަކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ޗައިނާގައި ހުންނަ ދިވެހި އެމްބަސީން އެމީހުންގެ ހާލުބަމުންދާކަމަށްވެސް ދަރިވަރު ކިޔައިދިނެވެ.

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދުވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމީހުން ރާއްޖެ ގެންނާނީ އެހެން ގައުމެއްގައި ކަރަންޓީނުކޮށް، ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެހެން ގައުމެއްގެ އެހީގައި ވުހާންގައި ތިބި ދިވެހިން ގެންނަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި ލަހެއް ނުވެ އެމީހުން ގެނެވޭނެ ކަމަށް ޚާރިޖީ ވަޒީރުވިދާޅުވިއެވެ. ވުހާންގެ އިތުރުން ޗައިނާގައި އުޅޭ ދިވެހިންގެ ތެރެއިން ރާއްޖެއައުމަށް ބޭނުންވާ ދިވެހިން ސަރުކާރުގެ ޚަރަދުގައި ރާއްޖެ ގެނަން ސަރުކާރުންވަނީ ނިންމާފައެވެ.