ޚަބަރު

ކައުންސިލް އިންތިޚާބު އޮންނަ ދުވަހު 7000 އޮފިޝަލުން ޙަރަކާތްތެރިވާނެ - އިލެކްޝަންސް ކޮމިޝަން


ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލާދުވަހު ވޯޓުލުމުގެ ކަންކަން އިންޒާމުކުރުމުގައި 7000 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި އޭގެތެރެއިން 85 އިންސައްތަ އޮފިޝަލުންވާނީ ސިވިލްސަރވަންޓުންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކާއި ގުޅިގެން ސިވިލް ސަރވިސްއާ ގުޅުންހުރި ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސްކޮމިޝަނާއެކު އިލެކްޝަންސް އިން މިއަދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމަކީ އިންތިޚާބުތަކުގެ މަސައްކަތްތަކަށް ކައުންސިލްތަކުގެ އިދާރާއާއި އަވަށު އޮފީސްތަކުން ފޯކަލް ޕޮއިންޓްތައް ހަމަޖައްސައި އެހީތެރިވެދިނުމާއި، އިންތިޚާބުގެ މަސައްކަތައް ބޭނުންވާ ސިވިލްސަރވިސްގެ މުވައްޒަފުން ވީއްލުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދެފަރާތުގެ މެދުގައި ސޮއިރުކެވުނު އެއްބަސްވުމެއެކެވެ.

މި އެއްބައްވުމުގައި ސޮއިކުރެވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ކޮންމެ އިންތިޚާބެއްގައިވެސް ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރައްވާ މަސައްކަތްތަކުގެ އިތުރުން ދެން އެންމެ ބުރަކޮށް މަސައްކަތް ކުރައްވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ބައެއް ރަށްރަށުގައި ހަރަކާތްތެރިވި ބޭފުޅުން ފުރިހަމަކުރަންޖެހެ ޚަރަދު ތަފްސީލުފަދަ ޝީޓުތައް އަދިވެސް ނުފޮނުވާކަމަށް އަކްރަމްވިދާޅުވި. އެހެންކަމުން މިފަދަ ކުދި ކުދި މައްސަލައް ސީއެސްސީއާއެކު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހައްލުވެ އިތުރަށް ކަންކަން ފަސޭހަވެގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ކޮންމެ އިންތިޚާބަކަށް އޮފިޝަލުން ހޯދާއިރު، ރަށްރަށާއި، ރިޒޯޓްތަކަށް އޮފިޝަލުން ހޯދުމުގައި އުންދަގީތަކެއް ކުރިމަތިނުވި ނަމަވެސް މާލެއަށް އޮފިޝަލުން ހޯދުމަށް ދަތިވާކަން ފާހަގަކުރައްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ވިދާޅުވީ ބައެއް ބޭފުޅުން ވޯޓުލުމުގައި ހަރަކާތްތެރިވުމަކީ ސިޔާސީކަމެއްކަމަށް ގަބޫލުކޮށްގެންވެސް އެމަސައްކަތުގައި ހަރަކާތްތެރިވުމަށް ދެކޮޅު ހަދާކަމަށެވެ. ނަމަވެސް ކޮންމެ ބޭފުޅަކުވެސް މިއީ ޤައުމީ ކަމެއްގެގޮތުގައި ދެކިގެން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަނީމީ ޑިމޮކްރަސީ ނެގެހެއްޓުމުގައި ޤައުމެއްގައި ހިންގާނެ އެންމެ ބޮޑު ޤައުމީ މަސައްކަތުގެ ގޮތުގައި. އެހެންވީމަ ވޯޓުލުމުގެ ހަރަކާތަކީ ސިޔާސީ މަސައްކަތެއްނޫން. ވޯޓުލާން އެބޭފުޅުން ހޯދާ ކެނޑިޑޭޓުންނަކީ ސިޔާސީ ބޭފުޅުން. އެހެންވީމަ ދެބަޔެއް މިއުޅޭނީ. އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ބައެއް ކުދި ކުދި ކަންތައްތައް އެއްކިބާކޮށް ޤައުމީމަސްލަހަތު އިސްކުރަން އެބަޖެހޭ" އަހްމަދު އަކްރަމް ވިދާޅުވިއެެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމް ވިދާޅުވީ ޤައުމީ އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށް ސިވިލް ސަރވަންޓުންގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ލިބިގެންދާނެކަމަށެވެ. މިއާއެކު ކުރިއަށް އޮތް އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާއިއު، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ނަޒާހަތްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ޑރ. އަލީ ޝަމީމްވަނީ ވޯޓުގެ ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ސިވިލް ސަރވިސްމުވައްޒަފުންނަށް ގޮވާލައްވާފައެވެ.

"އިންތިޚާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެދޭ ސިވިލް ސަރވިސްއާ ގުޅުންހުރިކަންކަމުގައި އެހީތެރިވެދީ މުވައްޒަފުން ވީއްލުމުގައި އެހީތެރިވުންކަމަށްވާއިރު، މިކަންކަމުގައި އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ސަތޭކަ ޕަސެންޓް އެއްބާރުލުމާއި އެހީތެރިކަން އަރުވަން" ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކައަށްވުރެ ގިނަ މީހުން ވޯޓުލާ މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ހަދާ ފަންސާހަކަށް ހާސް ނަތީޖާ ޝީޓުފުރައި ވޯޓުލާ ދުވަހު އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިމަށް ހަތް ހާހެއްހާ އޮފިޝަލުން ބޭނުންވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާއިރު، މިފަހަރުގެ އިންތިޚާބަށް 6500 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޢިއުލާންކޮށްފައެވެ.

އަދި މި އިންތިޚާބަށް މީހުން ހޭލުންތެރިކުރުމަށް ޚާއްސަ އަތްމަތީ ފޮތްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދިނެވެ.