ސިއްހަތު

ވޭތުވެދިޔަ ފަސްދުވަހު މާލެއިން ޑެންގީހުން ޖެހުނު މީހުން މަދު


ޑެންގީހުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ކުރިއަށް އޮތްތަނުގައިވެސް ޑެންގީހުން ޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވުން އެކަށީގެންވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ - އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. ޕަބްލިކް ސާރވިސް މީޑިއާ - ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން، އެޗް.ޕީ.އޭގެ މެޑިކަލް އޮފިސަރ ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ، މަދިރި ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާގޮތަށް ނުކުރެވިއްޖެކަމުގައިވާނަމަ މަދިރި ގިނަވެ، ޑެންގީހުން ފެތުރޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ވޭތުވެދިޔަ ފަސްދުވަހުގެ ތެރޭގައި ޑެންގީހުން ޖެހިގެން މާލެއިން ރިކޯޑްކުރެވޭ މިންވަރު މަދުކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް ޑެންގީ ހުން ކޮންޓްރޯލްވީކަމަށް ނުބެލެވޭނެކަމަށް ޑރ ނަޒުލާ ވިދާޅުވިއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު އެކަނިވެސް ޑެންގީހުން ޖެހިގެން މާލެއާއި އަތޮޅުތަކުން  20 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 702ށް ވަނީ އަރާފައެވެ. މިއަދުގެ ނިޔަލަށް މާލެއިން ޑެންގީގެ 321 ކޭސް ރިޕޯޓްކޮށްފައިވާއިރު، އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ 381ށް ވަނީ އަރާފައެވެ.ޑެންގީހުން ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުންނެވެ. އެހެން ނަމަވެސް ޖުލައިމަސް ފެށުނުފަހުން އދ. އަތޮޅާއި ޏ. އަތޮޅުގެ އިތުރުން ލ. އަތޮޅުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި ހަތަރު މީހަކު މަރުވެފައިވެއެވެ. މިދިޔަ އަހަރު ޑެންގީގެ 700އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، މިދިޔަ އަހަރު މި ބަލީގައި 2 މީހުން މަރުވެފައިވެއެވެ.ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެއެވެ. އަދި ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ.