ޚަބަރު

ކައުންސިލް އިންތިޚާބުގައި 538 ވޯޓުފޮށި، މާލޭގެ ދަނޑުތަކާއި ސްޓޭޑިއަމްގައިވެސް ވޯޓުލުން ކުރިއަށްދާނެ


އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް 27 ވޯޓުލާ މަރުކަޒު އިތުރުވެގެންދާތީ ދަނޑުތަކާއި ސްޓޭޑިއަމްގައިވެސް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސެމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އަޙްމަދު އަކްރަމް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި 538 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށާއި، އޭގެ ތެރެއިން 169 ވޯޓުފޮށި މާލޭގައި ބަހައްޓާނެކަމަށެވެ.

އަކްރަމް ވިދާޅުވީ އެހެން އިންތިޚާބުތަކާއި މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ތަފާތުތަކެއް ހުރުމުން ވޯޓުލާންދާ މީހުންގެ ކިއުތައް ވީހާވެސް މަދުކުރުމަށް ޚާއްސަ އިސްކަމެއްދީފައިވާނެކަމަށެވެ. އެގޮތުން ކޮންމެ ފޮށްޓަކަށްވެސް ވޯޓުލުމަށް ލިސްތްކުރާނީ 750އާއި 800 ދެމެދުގެ އަދަދެއްގެ މީހުންކަމަށްވުމާއެކު ޚާއްސަކޮށް މާލޭގައި ވޯޓުލާ މަރުކަޒުތައް އިތުރުވެގެން ދާނެކަމަށެވެ.

"މާނައަކީ 800 މީހުންނަށްވުރެ ގިނައިން އެއްވެސް ފޮށްޓަކަށް މީހުން ވޯޓުނުލާނެއޭ. އެހެންވީމަ ވޯޓުލާ މަރުކަޒުތަކުގެ އަދަދު އިތުރުވެގެންދަނީ. މާލޭގައި ވޯޓުލައްވާ ފަތާތްތަކުން ކުރިން ލީތަން ނޫންހެންތަނަކަށް ވޯޓުލާން ވަޑައިގަންނަވަންޖެހިދާނެ. ގާތްގަނޑަކަށް 27 އަކަށް ވޯޓުލާ މަރުކަޒު މާލޭގައި އިތުރުވެގެންދާނެ" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ކުރީގެ ބައެއް އިންތިޚާބުތަކުގައި ހުސްބިންތަކާއި، ސްޓޭޑިއަމްތަކުގައި ވޯޓުލުން ކުރިއަށްގެންދިޔަ ގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް އެކަން ތަކުރާރުވެގެންދާނެކަމަށެވެ. އަދި އާންމު ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޚާއްސަ އިސްކަމެއްދީގެން ކުރިއަށްދާކަމަށް އަކްރަމް ވިދާޅުވިއެވެ.

"ގަލޮޅު ދަނޑުގައި އަދި ހެންވޭރު ދަނޑާއި ސްޓޭޑިއަމްގައިވެސް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. އަދި އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވޯޓުލެވޭނެ ފަސޭހަކަމާއެކު ހިޔަލުގައި ތިބެގެން ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިދަނީ މަސައްކަތްކުރަމުން" އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކަނޑައެޅި ބަޖެޓް މިހާރު ލިބިފައިވީނަމަވެސް، ޤާނޫނަށް ގެނައި ބަދަލާއެކު އިތުރުވެގެންދިޔަ 21 މިލިޔަން ރުފިޔާ އަދިލިބިފައި ނުވާކަމަށެވެ. އެބަޖެޓް ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވީނަމަވެސް، އެފައިސާ ނުލިބިއްޖެނަމަ މިހާރުރާވާފައިވާ ގޮތަށް އިންތިޚާބު ކުރިއަށްގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް އެކޮމިޝަނުގެ ނާއިބު ރައީސް ވިދާޅުވިއެވެ.