ޚަބަރު

ކޮރޯނާ ވައިރަހަށް އައްޑޫ ހޮސްޕިޓަލް ތައްޔާރުވެއްޖެ


ކޮރޯނާ ވައިރަހަށް ޝައްކުވާ ފަދަ މީހެއް ފެނިއްޖެ ނަމަ އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުންވެސް އައިސޮލޭޝަން ވޯޑަކާއި އެކު ތައްޔާރަށް އޮތް ކަމަށް އެހޮސްޕިޓަލުން ބުނެފިއެ.

މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިވައިރަހަށް ޝައްކުކުރެވޭ މީހުންނާމެދު ޢަމަލް ކުރާނެ ގޮތާއި އާޕޯޓުތަކުގައި ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ބަލިމީހުންނަށް ފަރުވާދިނުމުގައި އަމަލު ކުރާނެ ގޮތްތަށް ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ޝާފީ މުޙައްމަދު ޙުސައިން ވިދާޅުވީ، އައްޑޫގައިވެސް މިކަމަކަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ. އެގޮތުން އެހޮސްޕިޓަލުގައި 4 އެނދުގެ އައިސޮލޭޝަން ވޯޑެއް ޤާއިމް ކުރެވިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކަމާބެހޭ އިދާރާތަކުން މިޙާލަތުގައި ކަންކަން ކުރަން ރާވާފައިވާ ގޮތާ އެއްގޮތަށް އަމަލު ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑް ހުންނަނީ އެހޮސްޕިޓަލުގެ މައި ޢިމާރާތާ ވަކިންނެވެ. އަދި ފަރުވާ ދިނުމުގެ ހުރިހާ ކަމެއް އެތަނުން ކުރިއަށް ގެންދެވޭ ގޮތަށް އެތަން ވަނީ ފަރުމާ ކޮށްފައެވެ. މިތަނުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްވެސް ހަލުއިކަމާއެކު ކުރަމުންދާ ކަމަށް ޝާފީ ވިދާޅުވިއެވެ.

މީގެ އިތުރުން އެއާޕޯޓްގައި ތާމަލް ކެމެރާ ބެހެއްޓި ޕަބްލިކް ހެލްތުގެ ބެލުމުގެ ދަށުން ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރެވެމުން ދާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ބައިނަލް އަޤްވާމީ ޝެޑއުލް ފްލައިޓްގައި ދަތުރު ކުރާމީހުން އެތެރެވަނީ މާލެ ފިޔައިވައި އައްޑޫސިޓީއަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓު ސްރީލަންކާގެ ކޮލަމްބޯ އާއި އައްޑޫ އާއި ދެމެދު ދަތުރުކުރެއެވެ. އަދި މިގޮތަށް އަންނަ ފްލައިޓުތަކުގައި ފަތުރުވެރިންނާއި އެކު ދިވެހިން ވެސް ދަތުރުކުރެއެވެ. ޕީއެސްއެމްއަށް މައުލޫމާތު ދެމުން ސްރީލަންކަން އެއާލައިންސްގެ އޭރިއާ މެނޭޖަރ ނައޯމީ ޓެންނަކޫން ވިދާޅުވީ، މިދެމެދު ދަތުރު ކުރާ މީހުން އެހާ ގިނަ ނޫން ކަމާށާއި، ނަމަވެސް އައްޑޫ އިންޓަނޭޝަނަލް އޭއާޕޯޓާއި ގުޅިގެން ޢާއްމުގޮތެއްގައި މިފަދަ ޙާލަތެއްގައި އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކޮރޯނާ ވައިރަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ދުރާލާ ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.