ޚަބަރު

ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ވަގުތީ ފިޔަވަޅު އެޅުމުގެ ހުއްދަ ކައުންސިލްތަކަށް ދެނީ


ބައެއް ރަށްތައް އާދަޔާއި ޚިލާފައި ގިރަމުންދާތީ، ވަގުތީ ހައްލު ހޯދުމަށް ކުރާ މަސައްކަތްތައް އީއައިއޭ ނުހަދައިވެސް ކުރިއަށް ގެންދިޔުމަށް ކައުންސިލްތަކަށް ހުއްދަ ދޭންފަށައިފިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މިހާރުވެސް އެހުއްދަ ރާއްޖޭގެ ދިހަރަށަށްވުރެ ގިނަ ރަށަކަށް ދެއްވާފައިވާ ކަމަަށެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިދުވަސްވަރު ރަށްގިރުމުގެ މައްސަލަތައް ކުރިމަތިން ވަމުން އަންނަ ކަމަށެވެ.

ޚާއްސަކޮށް އުތުރުގެ ބައެއް ރަށްރަށް އާދަޔާއި ޚިލާފަށް ގިރަމުންދާކަމުގެ ރިޕޯޓްތައް ލިބެމުން އަންނަކަކަމުގައިވެސް އީޕީއޭއިން ވިދާޅުވެއެެވެ.

ރަށްގިރުމުގެ މައްސަަލައަކީ މޫސުން ބަދަލުވާ ދުވަސްވަރު ކަނޑުގެ ރާޅުތަކުގެ އުސްމިނާއި އޮއެވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ މިހާރުވެސް ވިއްސަކަށް ރަށުން އާދަޔާއި ޚިލާފައި ރަށްގިރުމުގެ މައްސަލަ ރިޕޯޓުކޮށްފައި ވާކަމަށެވެ.

"އެންމެ ބޮޑަށް ގިރައިގެން މި ރިޕޯޓްކުރަނީ ރ، ބ، ނ އަތޮޅުން. އަދި ބައެއް ރިސޯޓްތަކާއި، ފަޅުރައްތައްވެސް އާދަޔާއި ޚިލާފައި އެބަ ގިރާ." ނައީމް ވިދާޅުވިއެވެ.

ކައުންސިލްތަކާއި އީޕީއޭ ގުޅިގެންދަނީ މިކަމަށް ވަގުތީ ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކައުންސިލުން ދޭ މަޢުލޫމާތާއި، އަދި ފޮޓޯއަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކައުންސިލްތަކަށް ވަގުތީ ހުއްދަތައް ދަނީ ދޫކުރަމުންނެވެ. އޭގެތެރޭގައި ވެލިއެޅުމާއި، ޖިއޯ ބޭގް ޖެހުމާއި، އަދި އެ ސަރަޙައްދުތަކަށް ގާކުނޑި އެޅުމުގެ ހުއްދަ އީއައިއޭ ހެދުމާއި ނުލާ ދެމުންދާކަމަށް ނައީމް ވިދާޅުވިއެވެ.

"އީއައިއޭއާއި ނުލައި ޕަންޕު ޖަހައިގެން ވެލިއެޅުމުގެ ހުއްދަވެސްވަނީ ދީފައި. އެގޮތުން މިހާރުވެސް 10 ރަށަކަށް މި އުސޫލުގެތެރެއިން، އެމަޖެންސީ ޙާލަތުގައި ދޭ ހުއްދަ ވަނީ އީޕީއޭއިން ދީފަ." ނައިމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ބޮޑު ހިލަ ޖެހުންފަދަ ކަންކަމަކީ ޚަރަދުގެ ގޮތުންނާއި، އަދި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ހިމެނޭ ކަމަކަށްވާތީ މީއީ ކައުންސިލްތަކަށް ކުރަން ދަތި މަސައްކަތަކަށް ވާނެކަމަށެވެ.

އެހެންކަމުން ޕްލޭނިންގ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތައް މިހާރު ފަށާފައިވާކަމަށެވެ.

އެގޮތުން މިހާރުވެސް މިފަދަ ބައެއް ރަށްތައް ދިރާސާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިދިރާސާތައް ނިމުމުން އެރަށްތަކުގެ ރަށްގިރުމުގެ މަސައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރާނި ކަންކަން ދެނެގަނެވޭނެކަަމަށް އީޕީއޭއިން ބުނެއެވެ.