ޚަބަރު

މިހާތަނަށް އަށް މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވޭ - އެޗްޕީއޭ


ހިމަބިއްސައް އިއްޔެ ޓެސްޓްކުރި މީހަކާއެކު މިހާތަނަށް 8 މީހުން މިބައްޔައް ޕޮސިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ މި ބައްޔަށް ޝައްކުވާ މީހުން ބައްޔަށް ޓެސްޓްކުރަމުންދާކަަމަށާއި އެގޮތުން މި ބަލީގެ ނިޝާންތައް ފެނިގެން އިއްޔެ ޓެސްޓްކުރި މީހުންގެ ތެރެއިން އެކަކު ހިމަބިއްސައް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ނަމަވެސް ހިމަބިހީގެ އަލާމާތްތައް ފެނިގެން މިއަދު އެއްވެސް މީހަކު ޓެސްޓްކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލީގެ އަލާމާތްތައް ފެނިގެން މިހާތަނަށް ޖުމްލަ 129 މީހުންވަނީ ހިމަބިއްސަށް ޓެސްޓްކޮށްފައެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ދިނުމުގެ މަސައްކަތްވެސް އެޗްޕީއޭއިންވަނީ ފަށާފައެވެ. ރާއްޖޭގައި ހިމަބިހި ފެތުރެމުންދިއުމާއި ގުޅިގެން މިހާތަނަށް 4449 މީހުންނަށް ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން މުޅި ރާއްޖެ ހިމެނޭހެން ވެކްސިން ދިނުމުގެ ޚާއްސަ ކެމްޕެއިނެއް ފެށުމަށްވެސްދަނީ ތައްޔާރުވަމުންނެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން މި ބައްޔަށް ޕޮޒިޓިވްވި މީހުން ގޮސްފައިވާކަމަށް ލަފާކުރެވޭ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ވެކްސިންގ ދިނުމުގެ މަސައްކަތްވެސް އެޗްޕީއޭއިންވަނީ ފަށާފައެވެ. އަދި ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރާ މަރުކަޒެއް ހެދުމުގެ އިތުރުން މިބައްޔަށް ހޭލުންތެރިކުރުމުގެ ކެމްޕެއިނެއްވެސް މިހާރުވަނީ ފަށާފައެވެ.

2017ވަނަ އަހަރު ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ ކޭސްއެއް އަލުން ފެނުނުކަން ހެލްތު މިނިސްޓްރީން އިޢުލާންކުރީ މިމަހުގެ 12ވަނަ ދުވަހުއެވެ. ހިމަބިއްސަށް ފުރަތަމަ ޕޮޒިޓިވްވީ 3 އަހަރުގެ ކުއްޖެކެވެ.