ޚަބަރު

ހިންމަފުށި އާ ރިހެބް ސެންޓަރާއެކު ރިހެބުގެ ޚިދުމަތް ދެ ގުނައަށް ފުޅާވެގެންދާނެ


ހިންމަފުށީގައި އަލަށް ތަރައްޤީކުރާ "ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރު"ގެ ޕްލޭނިންގެ މަސައްކަތް ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޕްލޭނިންގ މިނިސްޓްރީ ގުޅިގެން ފަށައިފިއެވެ. މި ސެންޓަރަކީ ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތް ކުރާ ފަރާތްތައް، ސެންޓަރުގައި ބައިތިއްބައިގެން ފަރުވާދެވޭގޮތަށް ހަދާ ސެންޓަރެކެވެ. ސެންޓަރުގެ މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްވަނީ ހިންމަފުއްޓަށް ޒިޔާރަތްކުރައްވާފައެވެ.

ކ.ހިންމަފުށީގައި މިހާރުވެސް ދަނީ 170 މީހުންނަށް ޚިދުމަތްދެވޭ ފެންވަރުގެ "ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ"އެއް ހިންގަމުންނެވެ. މި ސެންޓަރަކީ ޑްރަގްގެ މައްސަލަތަކުގައި ގެންދާ ފަރާތްތަކުގެ ތެރެއިން، އަލުން މުޖުތަމަޢަށް ނިކުންނަން ބޭނުންވާ މީހުން ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް ފަރުވާދޭ ސެންޓަރެކެވެ. މި ސެންޓަރުގެ ޚިދުމަތް ފުޅާކޮށް، ވީހާވެސް ގިނަ މީހުންނަށް ސެންޓަރުގެ ޚިދުމަތް ދިނުމަށް ސަރުކާރުންވަނީ ހިންމަފުށީގައި "ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރ"އެއް ހެދުމަށް ވެސްނިންމާފައެވެ.

އާ ސެންޓަރުގެ ޕްރޮޖެކްޓްގެ މަސައްކަތް، ބައްލަވާލެއްވުމަށް ނާއިބް ރައީސް ފައިސަލް ނަސީމްވަނީ ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ.
އަދި ޕްލޭނިންގ މިނިސްޓްރީއާއި، ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން މި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވުމަށް ނިންމާފައިވާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުއްވާ، ސެންޓަރު އެޅުމަށް މަޝްވަރާކުރާ ސަރަޙައްދުވެސް އެމަނިކުފާނުވަނީ ބައްލަވާލައްވާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މިސެންޓަރު ހެދުމަށް ބޭނުންވާ ބިން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރު ހަދަނީ 30،000 އަކަފޫޓުގެ ބިމެއްގައެވެ. މި ސެންޓަރުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދައް ގެންނަ މީހުން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކް ހެދުމާއި، ކައުންސިލިންގ ރޫމާއި، ކްލިނިކާއި، ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލާއި ބަންދުގައި ތިބޭ މީހުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޓްރެއިނިންގ ފެސިލިޓީހެދުން ހިމެނެއެވެ.

ނައިބް ރައީސް ހިންމަފުއްޓަށް ކުރެއްވި ޒިޔާރަތުގައިވަނީ ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މުޢައްޒަފުންނާއި، އެސެންޓަރުން ފަރުވާހޯދަމުންދާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. އަދި ސެންޓަރުގެ ޚިދުމަތް ރަނގަޅުކުރުމަށް އެ ސެންޓަރުގައި ކުރަމުންދާ މަރާމާތުގެ މަސައްކަތްތައްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ހިންމަފުށި ރިހެބަކީ 170 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ސެންޓަރެކެވެ. މިސެންޓަރުގައި މިހާރުވެސް 130 މީހުންދަނީ ފަރުވާ ހޯދަމުންނެވެ. މީގެތެރޭގައި ހިމެނެނީ 123 ފިރިހެނުންނާއި، 7 އަންހެނުންނެވެ. ނޭޝަނަލް ޑްރަގް އެޖެންސީން ބުނެފައިވަނީ އާ "ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރ"އާއި އެކު މި ޚިދުމަތް 2 ގުނައަށް އިތުރުކުރެވޭނެކަމަށެވެ.

ނައިބް ރައީސް ހިންމަފުއްޓަށް ކުރެއްވި ޒިޔާރަތުގައިވަނީ ހިންމަފުށީ ސިއްޙީ މަރުކަޒުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސިއްޙީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވާފައެވެ. މިޒިޔާރަތުގައި ސިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުޢައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.