ޚަބަރު

ކޮރޯނާވައިރަހާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ ޙިއްޞާކޮށްފި


ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ ސަރުކާރުން ޙިއްޞާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިމަޢުލޫމާތު ހިއްސާކުރެއްވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ބެހޭގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދުރާލާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ޙިއްޞާކުރައްވައި، ރާއްޖޭގެ އެއަރޕޯޓްތަކާ ހޮސްޕިޓަލްތަކުގައި އަޅުއްވާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު އެފަރާތްތަކާ ޙިއްޞާކުރައްވާފައެވެ.

އޭގެ ތެރޭގައި ކޮރޯނާވައިރަސްއަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމާއި، ކޮރޯނާ ވައިރަސްއަށް ޚާއްޞަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ޤާއިމުކޮށްފައިވުމުގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓްލައިނެއް ކަނޑައަޅައި އެކަމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް 3 އެންބިއުލަންސް މިހާރު ޚާއްޞަކުރެވިފައިވާކަމަށާއި، ވައިރަސްއާ ގުޅޭ ކްލިނިކަލް ގައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރު ކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއެކު މި ބޭއްވި ބައްދަލުވުމުގައި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރިޒޯޓްތަކާއި ސަފާރީ އުޅަނދުތަކާއި، އެ ނޫންވެސް ފަތުވެރިންނާ ގުޅޭ ޚިދުމަތްތައްދޭ ތަންތަނުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކުންވެސްވަނީ ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން އެއަރޕޯޓްތަކުގައި ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޮރޯނާ ވައިރަސްއާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާ އަދި ޓުއަރިޒަމް ދާއިރާގެ ކަމާބެހޭ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ބައްދަލުވުމެއްވެސް މިހާރުވަނީ ބާއްވާފައެވެ.