ޚަބަރު

މިނިސްޓަރ އޮފް ޓުއަރިޒަމްގެ ނައިބުގެ މަޤާމަށް އަޙްމަދު ޢާޠިފް


ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ހދ އަތޮޅު ކައުންސިލްގެ ކައުންސިލަރެއްގެ މަގާމު ހުރި އަހުމަދު އާތިފް އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް އަހްމަދު އާތިފް އައްޔަން ކުރައްވާފައި ވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ މޭޔަރުގެ މަގާމަށްވެސް އާތިފް ކުރިމަތިއްލެއްވި އެވެ.

އާތިފް ވަނީ ކުރިން ހދ އަތޮޅު ކައުންސިލުގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި އާތިފް މިއަދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިނުލައްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ.