ކުޅިވަރު

ސްޓައިލް ބަދަލު ނުކުރާނަން: ޒިދާން


ރެއާލް މެޑްރިޑް މިހާރު ކުޅޭ ސްޓައިލް ބަދަލު ނުކުރާނެ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އޭނާ މިހެން ބުނީ ރެއާލް އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ޑިފެންސިވް ސްޓައިލަކަށް ކުޅޭތީވެ ނޫސްވެރިންގެ ފާޑުކިއުން ބޮޑުވުމުންނެވެ. ޓީމުގެ މުހިންމު ގިނަ ފޯވަޑުން އަނިޔާގައި ތިބުމުން ރެއާލް އެންމެ ފަހުން ކުޅުނު ގިން މެޗުތަކުގައި ގޯލްޖަހާފައިވަނީ މިޑްފީލްޑަރުންނާއި ޑިފެންޑަރުންނެވެ.

ޓީމުގެ އެންމެ އިސްފޯވަޑް ކަރީމް ބެންޒެމާ އަށް ވެސް މިދިޔަ ސީޒަނާ އަޅާ ބަލާއިރު މިސީޒަނުގައި ޖެހޭ ގޯލުގެ އަދަދު މަދެވެ. ނަމަވެސް ޒިދާން ބުނީ އެހެން މީހުން ދައްކާ ވާހަކައަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"އަހަރެންގެ ސްޓައިލް އަހަރެން ބަދަލެއް ނުކުރާނަން. އަހަންނަށް ހޯވަނީ ރެއާލްގެ ސަޕޯޓަރުން ގަބޫލެއް ނުކުރާނެހެން ގޯލަށް ޝޯޓްކޮށް ކިތަންމެ ޕާހެއް ކުރިޔަސް. ކިތަންމެ ގިނަ ވަގުތު ބޯޅަ ހިފަހެއްޓިޔަސް. ޓީމު މޮޅުވުމަކީ އެންމެ މުހިންމު ކަންތައް،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ފަހަކަށް އައިސް ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހުނީ އަނިޔާގެ މައްސަލަތައް ގިނަވުމުން ކަމަށެވެ. ޒިދާން ބުނީ މި ސީޒަނަށް ބޮޑުއަގުގައި ގެނައި ފޯވަޑް އެޑެން ހަޒާޑް އަނެއްކާ ވެސް ފަރިތަކުރަން ފަށައިފި ކަމަށާއި އޭނާ ޓީމާ ގުޅުމުން ފޯވަޑް ލައިނުގެ ވަރަށް ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. މި ސީޒަނުގައި ރެއާލް މިހާރު އޮތީ ވަރަށް ފޯމުގައި ކަމަށާއި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ފަދައިން ކޮޕާޑެލްރޭ އަކީ ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް އިސްކަންދޭ މުބާރާތެއް ކަމަށެވެ.