ރާއްޖެއަކީ
ސައުތު އޭޝިއާގެ އެންމެ މުއްސަނދި ޤައުމް ކަމަށް ގްލޯބަލް ފިނޭންސް މެގަޒިންއިން
އެކުލަވާލި ދުނިޔޭގެ އެންމެ މުއްސަނދި ޤައުމްތަކުގެ ލިސްޓުން ދައްކައިފިއެވެ.
ޖުމްލަ
ސަތޭކަ އަށްޑިހަ ހަތަރު ޤައުމް ހިމެނޭ މި ލިސްޓުން ރާއްޖެއަށް ލިބިފައިވަނީ
ނުވަދިހަ ދެ ވަނައަށެވެ.
ސައުތު
އޭޝިއާގައި ހިމެނޭ އެންމެ ކުރިއަރާފައިވާ ޤައުމްތައް ކަމަށްވާ އިންޑިއާ،
ސްރީލަންކާ އަދި ޕާކިސްތާން އައިސްފައިވަނީ ލިސްޓްގައި ރާއްޖެއަށް ވުރެ ފަހަތަށެވެ. އެގޮތުން އިންޑިއާ އައިސްފައިވަނީ ލިސްޓްގެ ސަތޭކަ ތިރީސް ވަނައަށެވެ. ސްރީލަންކާ ސަތޭކަ އެގާރަ ވަނައަށް އައިސްފައިވާ އިރު ޕާކިސްތާނަށް ލިބިފައިވަނީ ލިސްޓްގެ ސަތޭކަ ތިރީސްއަށްވަނަ އެވެ.
މި
ލިސްޓުން ދައްކާ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ޤައުމަކީ ޤަތަރެވެ. ދެވަނަ އަށް
އެންމެ މުއްސަނދި ޤައުމަކީ ލަގްޒަމްބަރގްއެވެ. އަދި ތިންވަނަ އަަށް ދުނިޔޭގެ އެންމެ
މުއްސަނދި ޤައުމަކީ ސިންގަޕޫރެވެ.
ގްލޯބަލް
ފިނޭންސް މެގަޒިން އިން ބުނީ މި ލިސްޓް ތައްޔާރުކުރުމުގައި ބަލާފައިވަނީ ޖީޑީޕީ
ޕަރ ކެޕިޓަރ ނުވަތަ ޤައުމީ އުފެއްދުން ތެރިކަމުން ބޮލަކަށް ޖެހޭ މިންވަރަށް
ކަމަށާއި އެ އަދަދުތައް ހޯދާފައިވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ކަމަށެވެ.
އަދި
މީގެ އިތުރުން ޕަރޗޭޒިންގް ޕަވަރ ޕަރިޓީ އަށްވެސް ބަލާފައިވާ ކަމަށާއި
އޭގެތެރޭގައި ދިރިއުޅުމުގެ ހަރަދުތަކާއި، އިންފްލޭޝަން ރޭޓްގެ އިތުރުން އެކި
ޤައުމްތަކުގައި ދިރިއުޅުމުގެ ފެންވަރަށް ބަލާފައިވާ ކަމަށްވެސް ގްލޯބަލް ފިނޭންސް
މެގަޒިން އިން ބުނެއެވެ.